ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށް، ފަންނީ މިންގަނޑުތައް ހިފެހެއްޓުމުގެ މަގުސަދުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސެކިއުރިޓީ އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމްގެ ފުރަތަމަ ބެޗު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ފަސީހެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސާވިސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ހަސަން އަޝީތުގެ އިތުރުން އެ ޑިޕާޓްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.


މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުންނެވެ. ޖުމްލަ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުތަކުގައި އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ 28 އޮފިސަރުން ބައިވެރިވެ އެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އަމަލީ މަސައްކަތްތަކާއި ތިއަރީ ބައިތައް ހިމެނޭހެން ވަރަށް ފުޅާދާއިރާއެއްގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން، ކޯހުގެ ބައިވެރިންނަށް ގާނޫނީ އޮނިގަނޑުތަކާއި، ފަންނީ އަހުލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކުގެ އިތުރުން ހެކި ދެނެގަތުމާ ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، އޮފިސަރުންގެ އަމިއްލަ ނަފްސުގެ ދިފާއާއި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ބައިތަކާއި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އުނގަންނައިދެވޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.








