ކުރިއަށް އޮތް އެއް އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް އެސްޓީއޯއިން ހުޅުވާލައިފި އެވެ.
މިއަދު އެސްޓީއޯއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވައިލާފައިވާ ކަމަށެވެ. އަދި މިމަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ފަރާތަކުން ކުރިމަތިލުމަށް ވެސް ވަނީ އެކުންފުނިން އެދިފައިއެވެ.
އެސްޓީއޯގެ ހިންގާ ގަވާއިދުގައިވާ ގޮތުން، ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބު ކުރަން ޖެހެ އެވެ.
އެމަގާމަ ކުރި މަތިލެވޭނެ ފަރާތްތަކުގެ ފުރިހަމަ ވާން ޖެހޭ ޝަރުތުތަކަކީ:
- މަގާމަށް ކުރިމަތިލާ ފަރާތުގެ އެސްޓީއޯގައި ހިއްސާ އޮތުން
- އުމުރުން 30 އަހަރު ވެފައިވާ ދިވެއްސަކަށްވުން
- ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރަކަށްވުން
އެމަގާމަ ކުރި މަތިލެވޭ މުއްދަތަކީ މިއަދުން ފެށިގެން، އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.
އެސްޓީއޯއިން ވަނީ އެގާމަށް ޝައުގުވެރިކަން ހުރި ހިއްސާދާރުން އެ މަގާމަށް އެދި ފޯމު ހުށައެޅުމަށް އެދިފަ އެވެ. އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމް އެސްޓީއޯގެ ވެބްސައިޓްގައި މިހާރު ލިބެން ހުންނާނެވެ.










