ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 16 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި ރެއިޑު އޮޕަރޭޝަނުގައި ޖުމްލަ 113 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް ތިބި އުޅުނު 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.


ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދާ މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަނުގެ ޓާސްކްފޯސްއިން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ ރެއިޑުގައި، ފީރޯޒު މަގު އަދި ކެނެރީ މަގުގައި ހުންނަ އެކޮމަޑޭޝަން ދެ ބްލޮކެއް ބަލައި ފާސްކޮށްފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހުއްޓުވައި، ބިދޭސީން ހިންގާ އެފަދަ ވިޔަފާރިތައް ބަންދުކޮށް، އެ މީހުން އަނބުރާ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްތައް ކުރުން ހިމެނެ އެވެ.
ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.








