ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް އެ ބޭންކުުން ބުނެފި އެވެ.
ބީއެމްއެލް އިން އާއްމުކުރި އެ ބޭންކުގެ އެންމެ ފަހުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކަނިވެސް ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 828.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާ ވަނީ 375.8 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 21 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މުޅި އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 16.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 100 އިންސައްތަ އިތުރުވެ، 3.2 ބިލިއަން ރުފިޔާގެ ރެކޯޑް މިންވަރަކަށް އުފުލިފަ އެވެ. ބޭންކުގެ ޖުމްލަ އެސެޓްތަކުގެ އަގު 7.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 15 އިންސައްތައިގެ ކުރިއެރުމެކެވެ.
ބީއެމްއެލްއިން ބުނީ މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީހުގައިވެސް އެންމެ ރަނގަޅު މާލީ ނަތީޖާ ނެރުނު އަހަރު ކަމަށެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލް އިން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފަ އެވެ. ބޭންކުގެ ރައުސްމާލާއި ފައިސާގެ ދަތިކަން ނެތްކަން ކަށަވަރުކޮށްދޭ ނިސްބަތްތައް ހުރީ ގާނޫނީ ގޮތުން ބޭނުންވާ މިންވަރަށްވުރެ މަތީގަ އެވެ. މިއީ ބޭންކުގެ މާލީ ހާލަތު ވަރުގަދަވަމުންދާކަން ހާމަކޮށްދޭކަމެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވީ، 2025 ވަނަ އަހަރު ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ބޮޑު އުފަލެއް. ކަމަށާއި މި ނަތީޖާއިން ބޭންކުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްވަމުންދާކަމާއި މުވައްޒަފުންގެ މަސައްކަތްތެރިކަން ހާމަވާ ކަމަށެވެ. އަދި ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ވިޔަފާރިތަކުން ލިބުނު ކުރިއެރުމުގެ ސަބަބުން ބޭންކުގެ މާލީ ދުޅަހެޔޮކަން ދެމެހެއްޓިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ނިމިދިޔަ އަހަރަކީ ބީއެމްއެލްއިން ކަސްޓަމަރުންނަށް އާ އުފެއްދުންތަކެއް ތައާރަފުކުރި އަހަރެކެވެ. މީގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި '"ގްރީން ރިސޯޓް ފައިނޭންސިން" އާއި، ސަރުކާރާ ގުޅިގެން ފަސް އިންސައްތަ އިންޓްރެސްޓްގައި ދޫކުރާ "ހިޔާވެހި ފައިނޭންސިން" ހިމެނެ އެވެ.
މީގެ އިތުރުން، ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ އިކުއިޓީ ފަސް އިންސައްތައަށް ކުޑަކުރުމާއި، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" ގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުން ފަދަ މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.








