ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން، ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކާޑުގެ މުއާމަލާތްތައް ކުރެވޭނެ ލިމިޓް އިތުރުކުރުމަށް އެ ބޭންކުން ނިންމައިފި އެވެ.
ބީއެމްއެލުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އެ ބޭންކުގެ ކްރެޑިޓް ކާޑުން ކޮންމެ ކަސްޓަމަރަކަށް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ލިމިޓް ފެބްރުއަރީ އެކެއްވާ އާދިއްތަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެ ބޭންކުން ބުނީ، މިއީ ކޮންމެ ކަސްޓަމަރަކަށް ވެސް ޑެބިޓް ކާޑުން ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ލިމިޓްގެ އިތުރުން، އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސާފައިވާ ލިމިޓެއް ކަމަށެވެ. މިއާއެކު ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކާޑުގެ މުއާމަލާތްތައް ކުރުމުގައި ކަސްޓަމަރުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓަށް އައި ބަދަލުތައް:
- ކްލެސިކް ކްރެޑިޓް ކާޑު: 1،400 ޑޮލަރަށް
- ގޯލްޑް ކްރެޑިޓް ކާޑު: 1،500 ޑޮލަރަށް
- ޕްލެޓިނަމް ކްރެޑިޓް ކާޑު: 3،000 ޑޮލަރަށް
ބީއެމްއެލުން ކްރެޑިޓް ކާޑުގެ ލިމިޓްތަކަށް މިފަދަ ބަދަލެއް ގެނައުމަށް ނިންމާފައިވާއިރު، އެ ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 1،000 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
އަންނަ ފެބްރުއަރީ މަހުން ފެށިގެން ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.








