ބީއެމްއެލްގެ އަގުހެޔޮ ފްލެޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

މުހައްމަދު ޖަމްޝަތު | 33 ދުވަސް ކުރިން - 27 ޖެނުއަރީ 2026 20:19
ބީއެމްއެލް އިން އަޅާ އަގުހެޔޮ ފްލެޓުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަ ދައްކަވަނީ---ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން އަޅާ އަގުހެޔޮ ފްލެޓުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަ ދައްކަވަނީ---ފޮޓޯ: ބީއެމްއެލް
ޚުލާސާ

މި މަޝްރޫއުގެ 3 ޓަވަރެއްގެ މަސައްކަތް ހަވާލުކުރީ ދިވެހި ކުންފުނިތަކަށް. މި މަޝްރޫއުގެ ދަށުން 3،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް އަޅާނެ

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަގުހެޔޮ ފްލެޓު އިމާރާތް ކުރުމަށް ފަށާފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ބީއެމްއެލްގެ އަގުހެޔޮ ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދެ ޓަވަރެއްގެ މަސައްކަތް މީގެ ކުރިން ވަނީ ރާއްޖޭގައި ބޮޑެތި ބައެއް މަޝްރޫއުތައް ހިންގަމުން އަންނަ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން އަޅާ އަނެއް ތިން ޓަވަރުގެ މަސައްކަތް ހަވާލުކުރި ދިވެހި ކުންފުނިތަކާ އެވެ. ދިވެހި ކުންފުނިތަކާއި އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފަ އެވެ. އެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ) އެވެ.

މި މަޝްރޫއުތަކުގެ މަސައްކަތްތައް ފަށާފައި ވަނީ މިއަދު ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.

ބީއެމްއެލް އިން ބުނީ މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް ތަންފީޒުކުރުމުގައި މަގުސަދު ހާސިލުކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެެއް ކަމަށެވެ.

ބީއެމްއެލް އިން އަޅާ އަގުހެޔޮ ފްލެޓުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ބީއެމްއެލް

މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގަ އެވެ. މި މަޝްރޫއުގެ ދަށުން 3،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްގީ ކުރާނެ އެވެ. މި ހައުސިން ޔުނިޓްތައް ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހައުސިން ޔުނިޓްތަކަށް ކަނޑައަޅާނީ ނިސްބަތުން ކުޑަ ކުއްޔެއް ކަމަށާއި މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫއުތަކެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ފަސް މަޝްރޫއު ފެށުމާއެކު، ބީއެމްއެލް އާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖިކް އަމާޒުތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ސިނާއަތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، އަދި އެމްއެމްއޭގެ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދައި، ގެދޮރުވެރިންނަށްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދޭ އަހުމިއްޔަތުކަން ހާމަކޮށްދެ އެވެ.

މި މަޝްރޫއު ކުރިއަށްގެންދާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ. އަދި އެ ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%