ކޮރެއާގެ ފޯކްލޯރް ވާހަކަތަކުގައި ކިޔައިއުޅޭ "ނައިން-ޓެއިލްޑް ފޮކްސް" ނުވަތަ ނުވަ ނަގޫލީ މިނިކާވަގުގެ ފެންޓަސީއަށް ބިނާކޮށް އުފައްދާފައިވާ އާ ސީރީޒް "ނޯ ޓެއިލް ޓު ޓެލް" ނެޓްފްލިކްސްއަށް ނިކުމެ، ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދަން ފަށައިފި އެވެ. މި ފޯރިގަދަ ސީރީޒްގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ "ލަވްލީ ރަނާ" އިން މަގުބޫލުކަން ހޯދި ކިމް ހްޔޭ-ޔޫން އާއި "އޯލް އޮފް އަސް އާ ޑެޑް" އިން ފެނުނު ހުނަރުވެރި އެކްޓަރު ލޮމޮން އެވެ.
ކޮރެއާގެ ސަގާފީ ވާހަކަތަކުގައި "ގުމީހޯ" ގެ ނަމުން ނަންދެވިފައިވާ މި މަހްލޫގަކީ އާންމުކޮށް ރީތި އަންހެނެއްގެ ސިފަ ޖެހިގެން އައިސް، ފިރިހެނުން މަޅީގައި ޖައްސައިގެން އެމީހުންގެ މޭގަނޑު ކައިއުޅޭ ބިރުވެރި އެއްޗެކެވެ. ނަމަވެސް، މި ސީރީޒްގައި ކިމް ހްޔޭ-ޔޫން ކުޅެނީ މުޅިން ތަފާތު، އިންސާނިއްޔަތަށް ލޯބިކުރާ އުން-ހޯ ނަމަކަށް ކިޔާ ގުމީހޯއެއްގެ ރޯލެވެ. އޭނާއަކީ އިންސާނަކަށް ބަދަލުވުމުގެ އުންމީދުގައި އިންސާނުންނަށް ހެޔޮކަންކަން ކޮށްދެމުން އައި މީހެކެވެ. އެހެންނަމަވެސް، އޭނާގެ އެކުވެރި ގުމީހޯއަކަށް ދިމާވި ހިތާމަވެރި ހާދިސާއަކާ ގުޅިގެން، އިންސާނަކަށް ވުމުގެ އުންމީދު ދޫކޮށްލައި، އަމިއްލަ ފައިދާއަށްޓަކައި އޭނާގެ ބާރުތައް ބޭނުންކުރަން ފަށަ އެވެ.
މިހާރު އުން-ހޯ އަކީ ވަރަށް ތަނަވަސް އަދި މުއްސަނދި ދިރިއުޅުމެއް އުޅޭ މީހެކެވެ. އޭނާ ކޮށްދޭ ކަންކަމުގެ ބަދަލުގައި ބޮޑު އުޖޫރައެއް ނަގައި، މީހުން ހައިޕްނޮޓައިޒް ކޮށްގެން އަމިއްލަ ދުނިޔެއެއްގައި އުޅެމުންދެ އެވެ. އޭނާގެ މި އެކަނިވެރި ދިރިއުޅުން ބަދަލުވެގެންދަނީ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ ކަންގް ސީ-ޔޯލް (ލޮމޮން) އާ ދިމާވާ ހިސާބުންނެވެ.
ވާހަކަ ކުރިއަށްދާއިރު، ސީ-ޔޯލް އަކީ ހުނަރުވެރި ކުޅުންތެރިއެއް ނަމަވެސް، އޭނާގެ އެކުވެރިޔާ ހްޔުން ވޫ-ސިއޮކް އަކީ މުސްތަގުބަލުގައި ބޮޑު ތަރިއަކަށް ވާނެ މީހެއްކަން އުން-ހޯ އަށް އެނގެއެވެ. ނަމަވެސް، ދިމާވި އެކްސިޑެންޓެއްގެ ސަބަބުން މި ދެ އެކުވެރިންގެ ތަގުދީރު ބަދަލުވެގެންދެ އެވެ. މި ހާދިސާގެ ތެރެއަށް އުން-ހޯ އަށް ވަދެވުމުގެ ސަބަބުން، އަދަބެއްގެ ގޮތުން އޭނާގެ ހުރިހާ ބާރުތަކެއް ގެއްލި އާދައިގެ އިންސާނަކަށް ބަދަލުވެ އެވެ.
ނުވަ އަހަރު ފަހުން ދެން ފެނިގެންދަނީ ސީ-ޔޯލް އަކީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ފުޓްބޯޅަ ތަރިއެއްގެ ގޮތުގައެވެ. އަނެއްކޮޅުން، އުން-ހޯގެ ހާލަތު ބަދަލުވެ، އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި މުއްސަދި ސީ-ޔޯލްގެ އެހީތެރިކަމަށް އެދެން މަޖުބޫރުވެ އެވެ.
ކުރީގެ ފިލްމުތަކުގައި ގުމީހޯ އަކީ ބިރުވެރި މަހްލޫގަކަށް ވީނަމަވެސް، "ނޯ ޓެއިލް ޓު ޓެލް" ގައި މި ވަނީ ޒަމާނީ ކޮރެއާ ޑްރާމާތަކުގެ ސަހުސިއްޔަތުތަކާ އެއްގޮތަށް ލޯބީގެ އަދި މަޖާ ރޯލަކަށް ބަދަލުކޮށްލާފަ އެވެ. އުން-ހޯ އަކީ ދުނިޔަވީ އުފާތަކަށް ލޯބިކުރާ މީހަކަށް ވިޔަސް، އޭނާގެ ހިތުގެ އެކަނިވެރިކަން ފިލުވައިދެނީ ސީ-ޔޯލް އާ ދެމެދު އުފެދޭ ގާތް ގުޅުމެވެ.
ކިމް ހްޔޭ-ޔޫންގެ ހުނަރުވެރި އެކްޓިންގް އާއި ލޮމޮންގެ ފުރިހަމަ ހުށަހެޅުމާއެކު، މި ސީރީޒަކީ ފެންޓަސީ އަދި ރޮމޭންސް އަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ އުފެއްދުމެކެވެ. މިއީ އާ ވާހަކައަކަށް ނުވި ނަމަވެސް، މީގެ ހުށަހެޅުންތެރިކަމާއި ފޯރިގަދަ ކަމުގެ ސަބަބުން މިއީ ބަލާލަން ހިތްގައިމު ޑްރާމާއެކެވެ. މި ސީރީޒް މިހާރު ނެޓްފްލިކްސް މެދުވެރިކޮށް ބަލާލެވޭނެ އެވެ.










