ޗާގޯސް ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ބަހުސްކުރުން މެދުކަނޑާލުމަށް އެ ގައުމުން ނިންމައިފި އެވެ.
މޮރިޝަސް އަށް ޗާގޯސް ދިނުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައި އޮތް "ޑިއޭގޯ ގާސިއާ މިލިޓަރީ ބޭސް އެންޑް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ބިލް" ގައި އޮތީ 99 އަހަރުގެ މުއްދަތަށް ޑިއޭގޯ ގާސިއާ އަހަރަކު 101 މިލިއަން ޕައުންޑަށް ކުއްޔަށް ހިފުމަށްފަހު، ޗާގޯސްގެ އެހެން ރަށްތައް މޮރިޝަސް އާ ހަވާލުކުރުމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ބިލު ފާސްވެއްޖެނަމަ، 1966 ވަނަ އަހަރު އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެފައިވާ އަސްކަރީ އެއްބަސްވުމާ ހިލާފުވެ، ބައިނަލްއަގުވާމީ ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެ އެވެ.
މި ބިލާ ދެކޮޅު ހަދަމުންދާ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީން ހުކުރު ދުވަހުގެ ފަހުގެ ވަގުތެއްގައި ވަނީ، ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށް މި މަސައްކަތް މަޑުޖައްސާލުމަށް ގޮވާލާ އިސްލާހެއް ހުށަހަޅާފަ އެވެ. އެއާއެކު އިނގިރޭސި ސަރުކާރުން މިހާރު ވަނީ އެ ބަހުސް ކުރިއަށް ނުގެންދަން ނިންމާފަ އެވެ.
ޗާގޯސްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ނޫހަކަށް ދާދި ފަހުން ދެއްްވި އިންޓަވިއުއެއްގައިވެސް އެ ރަށްތަކުގެ މިލްކުވެރިކަން ލިބުން އެންމެ ހައްގު ގައުމަކީ ދިވެހިރާއްޖެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މޮރިޝަސްއަށްވުރެ ޗާގޯސްއާ ރާއްޖެ ގާތްވުމުގެ އިތުރުން، ތާރީހީ ގޮތުންވެސް އެ ރަށްތަކާ ރާއްޖެއާ ވަރުގަދަ ގުޅުމެއް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިކަމާ ގުޅޭ ކަންބޮޑުވުންތައް ރާއްޖެއިން މިހާރު ވަނީ ރަސްމީކޮށް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފަ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތްކަން ފާހަގަކުރައްވާފަ އެވެ.
ދިވެހިން "ފޯޅަވަހި" ކިޔާ މި ރަށްތަކަކީ ރާއްޖޭގެ ތާރީހާ ލާމެހިފައިވާ ތަނެކެވެ. ރާއްޖެއިން ވަކާލާތު ކުރާ ގޮތުގައި މޮރިޝަސްގައި މީހުން އާބާދުވުމުގެ މާ ކުރިން، އެތައް ހާސް އަހަރެއް ކުރީއްސުރެ ރާއްޖެއަކީ ވަކި ދައުލަތެއްގެ ގޮތުގައި އޮތް ގައުމަކަށް ވުމީ މި މައްސަލައިގައި ރާއްޖޭގެ ހައްގު ބޮޑުކަން ހާމަވާ ކަމެކެވެ.
ޗާގޯސް މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރުވަނީ ޗާގޯސް މޮރިޝަސްއާއި ހަވާލުކުރުމަށް ނިންމާފަ އެވެ. މިއަށްފަހު ކުރެވުނު ގިނަ މަޝްވަރާތަކަށްފަހު އިނގިރޭސިވިލާތުންވަނީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭންގެ ތެރޭގައިވަނީ ޗާގޯސް އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރައްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.





