ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ މަސްދަޅު ކޭހުގެ ތެރެއިން ރޭ އެކަނިވެސް މާލެ ސަރަހައްދުން 4،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ރޭ 20:30 ގައެވެ. ރޭ 23:00 އާ ހަމައަށް މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން ޖުމްލަ 4،196 މަސްދަޅު ކޭސް މިހާތަނަށް ދޫކޮށްފައިވާ ކަމަށް ސިޓީސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ ތެރެއިން އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައި ވަނީ ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުންނެވެ. އެއީ 783 މަސްދަޅު ކޭހެވެ. ގަލޮޅު ދަނޑުގައި ހަތަރު ތަނަކުން މަސްދަޅު ކޭސް ދޫކުރަމުންދެ އެވެ.
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހަފްތާ ތެރޭގައި އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ރޭ ވިދާޅުވެފަ އެވެ.
މާލޭ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ހަމަޖެހިފައިވެ އެވެ. އެއީ މާލޭގެ އަށް މަރުކަޒަކާއި، ވިލިމާލޭގެ އެއް މަރުކަޒުގެ އިތުރުން އަދި ހުޅުމާލޭގެ ހަ މަރުކަޒަކުންނެވެ.
މާލޭގައި މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަން:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލް
- ހެންވޭރު ބޯޅަ ދަނޑު
- ގަލޮޅު ބޯޅަ ދަނޑުގެ ހަތަރު ފަރާތް
ހުޅުމާލޭގައި މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަން:
- އުމަރު ޒާހިރު ބިލްޑިން
- ޕޮލްކޯ ޓަވަރު
- މުހައްމަދު ގާސިމް ޕްރީސުކޫލް
- ކާމިލް ދީދީ ސްކޫލް
- ހިޔާ ޓަވަރު 10
- ވިނަރެސް ފްލެޓް
މީގެ އިތުރުން ވިލިމާލޭ ވެމްކޯ ސައިޓުން ވެސް މަސްދަޅު ކޭސް ލިބޭނެ އެވެ.






