ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް ބަދަލުކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 4 ދުވަސް ކުރިން - 20 ޖެނުއަރީ 2026 23:17
ގައުމީ ނެޝަނަލް ފުޓްބޯޅަ ސްޓޭޑިއަމް---ފޮޓޯ: ޕީއެސްއެމް
ގައުމީ ނެޝަނަލް ފުޓްބޯޅަ ސްޓޭޑިއަމް---ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މިހާރުގެ ރަސްމީ ބޯޅަދަނޑު ތަޅާލުމަށްފަހު އެތަނުގައި ގާއިމުކުރާ ކުޅިވަރު މަރުކަޒުގެ ކޮންސެޕްޓް ކުރެހުންތައް މިހާރު ވަނީ ނިމިފައިކަމަށް މިނިސްޓަރު ވިދާޅުވި.

މާލޭގައި މިހާރު ހުރި ރަސްމީ ފުޓުބޯޅަދަނޑު (ގަލޮޅު ދަނޑު) ތަޅާލައި، އޭގެ ބަދަލުގައި ހުޅުމާލޭ ފޭސް އެކެއްގައި ޒަމާނީ ފެންވަރުގެ ބޯޅަދަނޑެއް ގާއިމުކުރުމަކީ ސަރުކާރުގެ ވިސްނުންފުޅެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ވަދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގަލޮޅު ދަނޑަކީ މިހާރު އިތުރަށް ތަރައްގީކުރެވިދާނެ ތަނެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ އެތަން ތަޅާލައި، ހުޅުމާލޭ ފޭސް އެކެއްގައި ޒަމާނީ ވަސީލަތްތަކާއެކު އައު ދަނޑެއް ބިނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓރު ފާހަގަކުރެއްވި ގޮތުގައި، ގަލޮޅު ދަނޑަކީ މިހާރު އިންޓަނޭޝަނަލް ސްޓޭޑިއަމެއްގެ ގޮތުގައި ބޭނުންކުރަން އެންމެ އެދެވޭ ތަނެއް ނޫނެވެ. އާންމުން ދިރިއުޅޭ ސަރަހައްދެއްގެ މެދުގައި ދަނޑު އޮތުމުން ސޭފްޓީއާއި ސެކިއުރިޓީގެ އިތުރުން، ޕާކިންއާއި ޓްރެފިކްގެ ގިނަ މައްސަލަތަކެއް ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ގަލޮޅު ދަނޑު ތަޅާލުމަށްފަހު އެ ސަރަހައްދުގައި ގާއިމުކުރާނީ ކުޅިވަރުގެ ހަރަކާތްތައް ފަސޭހަކަމާއެކު ހިންގޭނެ ފަދަ މަރުކަޒެކެވެ. ރަސްމީ ބޯޅަދަނޑު ހުޅުމާލެއަށް ބަދަލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބައިނަލްއަގްވާމީ ކުޅިވަރު މިންގަނޑުތަކަށް ފެތޭ، ރައްކާތެރި މާހައުލެއް ބިނާކުރުމެވެ.

މި މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. މިހާރުގެ ރަސްމީ ބޯޅަދަނޑު ތަޅާލުމަށްފަހު އެތަނުގައި ގާއިމުކުރާ ކުޅިވަރު މަރުކަޒުގެ ކޮންސެޕްޓް ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

1979 ވަނަ އަހަރު ބިނާކުރި ގަލޮޅު ދަނޑަކީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. 11,850 މީހުންގެ ޖާގަ އޮންނަ މި ދަނޑު އެންމެ ފަހުން މަރާމާތުކޮށްފައިވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕަށެވެ. 47 އަހަރުވެފައިވާ މި ބާ ދަނޑު ތަޅާލުމަކީ ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކަން ފާހަގަކޮށްލެވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%