އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރު ގަދަ ބޮމެއް ގޮއްވާލައި ގިނަބަޔަކު މަރާލައިފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ޙާދިޘާގައި މަދުވެގެން ހަތް މީހުންމަރުވެ 12 އާއި 20 އާއި ދެމެދުގެ ޢަދަދަކަށް މީހުން ޒަޚަމްވެފައި ވެއެވެ. މި ގޮވުން ގޮއްވާލާފައިނވަނީ ކާބުލްގެ އެންމެ ބިޒީ ވިޔަފާރި ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަހައްދު ކަމަށްވާ ޝަހުރުއް ނައު ޑިސްޓްރިކްޓުގައެވެ.
މި ބޮން ގޮއްވާލާފައި އެ ސަރަޙައްދުގައި ހުންނަ ވަރަށް މަޤްބޫލް ޗައިނީސް ރެސްޓޯރެންޓެއްގެ ކައިރީގައެވެ. ޞިއްޙީ މަސްދަރުތަކުން ބުނާ ގޮތުގައި އަނިޔާވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
ޠާލިބާން ސަރުކާރުގެ އިންޓީރިއާ މިނިސްޓްރީ އިން މިކަން ކަށަވަރުކޮށްދީފައިވާއިރު، މި ޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާޢަތަކުން ރަސްމީކޮށް އުފުލާފައެއް ނުވެއެވެ.
އައިއެސް-ކޭ (އިސްލާމިކް ސްޓޭޓް ޚުރާސާން ޕްރޮވިންސް) އިން ފާއިތުވި އަހަރުތަކުގައި ކާބުލްގައި ވެސް މިފަދަ ޙަމަލާތަކެއް ދީފައިވާ ކަން ފާހަގަ ކުރެވެއެވެ.






