ރައީސް ޓްރަމްޕަކީ "ބޮޑު އަނގައެއް" ކަމަށް ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް ރައީސް ޓްރަމްޕަކީ "ބޮޑު އަނގައެއް" ނޫންކަމަށާއި އެއީ ޢަމަލީ ބޭފުޅެއް ކަމަށް އެމެރިކާއިން އދ.އަށް ކަނޑައަޅާފައިވާ މަންދޫބު ވިދާޅުވެއްޖެ އެވެ.
ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަންދޫބު މައިކް ވަލްޒު ވިދާޅުވީ އީރާނުގައި ހިނގަމުންދާ ޤަތުލުއާންމު ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އީރާނާ މެދު އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކަނޑައަޅުއްވައި ރައީސްގެ މޭޒުކޮޅުމަތީގައި ބަހައްޓަވާފައިވާ ކަމަށެވެ.
ބުރާސްފަތިދުވަހު އޯވަލް އޮފީހުގައި މީޑިއާއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އަނިޔާވެރިކަން އީރާނުގައި ކުރިއަށްދާނަމަ އެމެރިކާއިން ހަރުކަށި ރައްދު ދޭނެ ކަމަށެވެ. އެ މޭރުމުން އޭނާ ވަނީ އެތައް ތަނެއްގައި އެތައް ފަހަރަކު ވާހަކަ ދައްކަވާފަ އެވެ.
ރައީސް ޓްރަމްޕަކީ "ބޮޑު އަނގައެއް" ކަމުގައި ބުނެ ވާހަކަދައްކަމުން ދަނީ އޭނާ ދެއުޅިއަށްނުވާ ވާހަކަފުޅުދައްކަވައި ދެއިރު ދެދަޅައަށް ދެގޮތަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާތީއެވެ. ފަލަސްޠީނުގެ ޣައްޒާއާއި ގްރީންލޭންޑާ ބެހޭގޮތުން ރައީސް ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ޓްރަމްޕް ސިފަކުރަމުން ދަނީ "ބޮޑު އަނގައެއް"ގެ ގޮތުގަ އެވެ. ބޮޑު އަނިޔާވެރިއެއްގެ ގޮތުގަ އެވެ.
އީރާނަށް ހަމަލާ ދިނުމަށް ނިންމެވި ނިންމެވުންން ރައީސް ޓްރަމްޕް މިހާރު ވަނީ ބަދަލުކުރައްވާފަ އެވެ. އެ ބަދަލު ގެންނެވީ ގަލްފްގެ ބައެއް ގައުމުތަކުން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުންނެވެ.
އިނގިރޭސިވިލާތުގެ ނޫސް ދަ ޓެލެގްރާފް އިން ހާމަކުރި ގޮތުގައި ސައުދީ އަރަބިއްޔާ، ގަތަރު، އޮމާނުން، ވޮޝިންޓަނާ އެކު ކުއްލި މަޝްވަރާތަކެއް ކޮށް، ޓްރަމްޕަށް ވިސްނައިދީފައި ވަނީ ތެހެރާނަށް "ހެއު އަމަލު" ކޮށް ދެއްކުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެ އަސްކަރީ ފިޔަވަޅު ފަސްކުރުމަށެވެ.
އޭގެ ކުރިން ޓްރަމްޕް ވަނީ އީރާނުގެ މުޒާހަރާގެ ބައިވެރިންނަށް އެހީވާން އެމެރިކާ ތައްޔާރަށް އޮތްކަމަށާއި އެހީ ފޯރުކޮށްދީ އީރާނަށް އަދަބުދިނުމަށް އެމެރިކާއިން ފިޔަވަޅު އަޅަމުންދާކަމަށް ވިދާޅުވެ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރު ޓްރަމްޕް ވަނީ އީރާނުގައި މަރުވާ މީހުން ހުއްޓުމަކަށް އަންނަ ކަމަށް ވިދާޅުވެ، އެމެރިކާއިން އީރާނަށް ހަމަލާދޭން ނިންމެވި ނިންމެވުން ފަސްކުރައްވާފައެވެ.
ޓްރަމްޕް އީރާނަށް ހަމަލާ ދިނުން ފަސްކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން އީރާނުން ވަނީ މުޒާހަރާގެ ބައިވެރިންނަށް މަރުގެ އަދަބު ދިނުން ހުއްޓާލާފައިވާކަމަށް ބުނެފައެވެ.
ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ގަލްފުގެ ބައެއް ގައުމުތަކުން ރައީސް ޓްރަމްޕަށް ވިސްނައިދީފައި ވަނީ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން އީރާނަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އަދި އެ ސަރަހައްދުގައި ހަމަލާ ބަދަލުކޮށްފިނަމަ ނިކުންނަ ނަތީޖާ ވަރަށް ބޮޑަށް ގޯސްވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އެމެރިކާއިން އީރާނަށް ދޭ ހަމަލާއަކުން އީރާނުގެ އަވަށްޓެރި ގައުމުތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި ދުނިޔޭގެ ތެލާއި ގޭހުގެ އަގަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ތުރުކީ އާއި މިސްރުން ވެސް ވަނީ އެމެރިކާއަށްދީ އެކަން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.
އަލްޖަޒީރާގައި ލިޔެފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުން ހުއްޓާލުމަކީ "އުފާވެރި ޚަބަރެއް" ކަމަށް ސިފަކުރައްވާފައެވެ.
އެ ނޫހުގައިވާ ގޮތުން ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ މުޒާހަރާގެ ބައިވެރިންނަށް މަރުގެ އަދަބު ދޭން ނުޖެހޭނެ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެކަން އެގޮތަށް ދެމިއޮންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުގައި އީރާނާއި އެމެރިކާގެ ފިތުނަތައް ކުޑަވުމުން އީރާނުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލާފައެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައީސް ޓްރަމްޕް އީރާނުގެ ހާލަތު ވަރަށް ފަރުވާތެރިކަމާއެކު މުރާޖައާ ކުރައްވަމުން ގެންދަވާ ކަމަށާއި މުޒާހަރާގެ ބައިވެރިން އީރާނުން މަރަމުން ގެންދާނަމަ އީރާނަށް ހިތި ނަތީޖާއަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ޓްރަމްޕާއި އޭނާގެ ޓީމުން ދެއްވާފައިވާ ކަމަށެވެ.
އެމެރިކާއިން ބުނިގޮތުގައި އީރާނުގައި 800 މީހުންނަށް މަރުގެ އަދަބު ދިނުން ވަނީ ހުއްޓާލާފައެވެ.
އަނެއްކޮޅުން އެމެރިކާއިން ވަނީ ހަފުތާ ނިމެން އުޅެނިކޮށް އީރާނުގެ ބާރަ ކުންފުންޏަކާއި އީރާނުގެ އެގާރަ މީހުންނަށް ވެސް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަމަލާ ދިނުމަށް ނިންމި ނިންމެވުން އެންމެ ފަހު ވަގުތު ބަދަލު ކުރެއްވީ ގަލްފް ގައުމުތަކުގެ ޑިޕްލޮމެޓިކް މަސައްކަތުގެ ސަބަބުން ކަމަށް އަޑުފެތުރިފައި ވިޔަސް، އެކަން ހުއްޓާލުމުގެ މައިގަނޑު ސަބަބަކީ، އެމެރިކާއިން އީރާނާ ދެކޮޅަށް ދޭ ހަމަލާއަކާ ގުޅިގެން މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށާއި އިޒުރޭލަށާއި ސަރަހައްދުގެ އަމާންކަމަށް އީރާނުގެ ސަބަބުން ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު ޔަގީންވެފައި ވާތީއެވެ.
އިޒުރޭލާއި އެމެރިކާގެ އެހީތެރިކަން ލިބިގެން އީރާނުގައި ހިންގަމުން ދިޔަ މުޒާހަރާތައް ރޫޅާލުމަށް އީރާނުން ކުރި މަސައްކަތް ހުއްޓާނުލައިފިނަމަ އީރާނަށް ހަމަލާ ދޭނޭކަމަށް ބުނެ ރައީސް ޓްރަމްޕް ތަކުރާރުކޮށް ދެއްކެވި ވާހަކަފުޅުތައް ހަމަ ކުއްލިއަކަށް ބަދަލުކުރެއްވުމުން ވަރަށް ގިނަ ބަޔަކު ޓްރަމްޕް ސިފަކުރަމުން ދަނީ "ބޮޑު އަނގައެއް"ގެ ގޮތުގައެވެ.






