މާލޭގެ ރެސިޑެންޝަލް އިމާރާތެއްގެ ތެރޭގައި ކެނަބިސް ގަސް ގަސްތަކެއް ހައްދައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށްލައި، 400،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ހުކުމް ކޮށްފައިވަނީ އަހުމަދު ޔާސިހް / ނ. ކެނދިކުޅުދޫގެ މައްޗަށެވެ. ކެނަބިސް ގަސްތަކަކާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުން އޭނާ ހައްޔަރު ކުރީ 13 މޭ 2023 ގަ އެވެ.
ޔާސިހް ހައްދައިގެން ގެންގުޅުނު ކެނަބިސް ގަސްތަކެއް ފުލުހުން އަތުލައިގަތީ އާއްމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ގ. ރިމިނީ ކައިރިއަށް ދިޔައިރު އެ ސަރަހައްދުން ގެއެއްގެ ދޮރުމަތިން ކެނަބިސް ގަހެއް ހުއްޓާ ފެނުމުންނެވެ. އެ ގަސް ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ޔާސިހް އެ ސަރަހައްދަށް އައިސް އެއީ އޭނާގެ ގަހެއް ކަމަށް އެއްބަސްވެ، އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ބެލްކަންޏާއި ކޮޓަރީގައި ވެސް އިތުރު ގަސްތަކެއް ހުންނާނެ ކަމަށް ފުލުހުން ގާތު ބުނިކަމަށްް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.
އެހެންވެ ފުލުހުން ވަނީ އޭނާ އަތުގައި އޮތް ތަޅުދަނޑިއަކުން އެ އެޕާޓްމަންޓަށް ވަދެ ބެލިއިރު އިތުރު ކެނަބިސް ގަސްތަކެއްގެ އިތުރުން 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތީގެ އެކި ބާވަތްތައް ވެސް އެޕާޓްމަންޓްގެ އެކި ތަންތަނުގައި ހާމައަށް ބަަހައްޓާފައި ހުރި ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދީފައިވެ އެވެ.
މި މައްސަލައިގައި ދައުލަތުން ޔާސިހްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތި އުފެއްދުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާގެ އިތުރުން މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޝަރީއަތުގައި ޔާސިހްގެ ފަރާތުން ބުނެފައިވަނީ އޭނާ އަމިއްލައަށް ގަސްތަކާ ހަވާލުވެ، އެޕާޓްމަންޓް ދެއްކި ކަމަށް ބުނާ ބުނުމަކީ "އާދަޔާ ހިލާފު" ކަމެއް ކަމަށެވެ. ނަމަވެސް، ރާއްޖެއަކީ ކެނަބިސް ހެދޭ ގައުމަކަށް ނުވާއިރު، އެ ތަކެތި ހޯދި ގޮތާއި ހެއްދި ބޭނުން އޭނާއަށް ސާފުކޮށްދެވިފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޔާސިހްގެ މައްޗަށް ދައުލަތުން ކުރި ހަތަރު ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ކޮންމެ ދައުވާއަކަށް 25 އަހަރުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ އިއްވާފައެވެ. އެހެންކަމުން، ޖުމްލަ އަދަބަކީ 100 އަހަރުގެ ޖަލު ހުކުމަކާއި 400،000 ރުފިޔާގެ ޖޫރިމަނާއެކެވެ. ޔާސިހް މިހާތަނަށް ބަންދުގައި ހޭދަކުރި 2 އަހަރާއި ހަތް މަސް ދުވަސް ހުކުމުން އުނިކުރުމަށްފަހު، އޭނާ ތަންފީޒު ކުރަންޖެހޭނީ 98 އަހަރުގެ ޖަލު އަދަބެކެވެ.





