ރެއާލްގެ ކޯޗް އަލޮންސޯ މަގާމުން ވަކިކޮށްފި

މުހައްމަދު ޖަމްޝަތު | 1 ދުވަސް ކުރިން - 13 ޖެނުއަރީ 2026 17:58
ޒަބީ އަލޮންސޯ---
ޒަބީ އަލޮންސޯ---
ޚުލާސާ

އަލޮންސޯ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ ދެ ފަރާތުން އެއްބަސްވެގެން ކަމަށް ރެއާލް އިން ބުނޭ

ސްޕެނިޝް ސުޕަކަޕްގެ ފައިނަލުގައި ބާސެލޯނާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު، ރެއާލް މެޑްރިޑުން އެ ކުލަބުގެ ކޯޗު ޒަބީ އަލޮންސޯ މަގާމުން ވަކިކޮށްފި އެވެ.

މަގާމުން ވަކިކުރިއިރު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި އަލޮންސޯ ރެއާލް މެޑްރިޑުގެ ކޯޗު ކަމާ ހަވާލުވިތާ އަދި އަހަރެއް ނުވެ އެވެ.

ރެއާލް މެޑްރިޑުން މިއަދު ނެރުނު ބަޔާނުގައި ވާގޮތުން އަލޮންސޯ އާއެކު އެކުލަބުން ހަދާފައިވާ އެއްބަސްވުން ދެފަރާތުން ވާހަކަ ދެއްކުމަށްފަހު ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

"މި ދަނޑިވަޅުގައި ޒަބީ އަލޮންސޯ އާއި އޭނާގެ މުޅި ކޯޗިން ސްޓާފުން ކުރި ބުރަ މަސައްކަތަށް ކްލަބުން ޝުކުރު އަދާކުރާ ކަމަށާއި، އަލޮންސޯގެ ޓީމަށް އުފާވެރި އަދި ކާމިޔާބު މުސްތަގުބަލަކަށް އެދޭކަމަށް" ރެއާލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޖަރުމަނުގެ ބަޔާ ލެވަކޫސަން ދޫކޮށް ރެއާލް މެޑްރިޑާއި ގުޅުނު އަލޮންސޯގެ އިރުޝާދުގެދަށުން ރެއާލް މެޑްރިޑުން ކުޅުނު 34 މެޗުގެ ތެރެއިން 22 މެޗުން އެޓީމު މޮޅުވެފައިވާއިރު، ފަސް މެޗުން ބަލިވެ އަނެއް ހަތަރު މެޗު ވަނީ އެއްވަރުވެފަ އެވެ.

އަލޮންސޯއަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމައި ވަގުތީގޮތުން ހަވާލުވެފައި ވަނީ ރެއާލްގެ ބީ ޓީމު ކޯޗް އަލްވާރޯ އާބެލޯއާ އެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު ރެއާލްގެ ބީ ޓީމާއި ހަވާލުވި އާބެލޯއާ އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%