ސަރުކާރުން ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފި އެވެ.
ހައުސިންގ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓާއި، ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ މި ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރިލް މަހަށްކަމަށް މިނިސްޓްރީން ހާމަކުރި އެވެ.
މި ޔުނިޓްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 11 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން، 11 އޭޕްރިލް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހައުސިން ޔުނިޓަށް އެދި ހުށަހަޅަންޖެހޭނީ ސަރުކާރުގެ "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީގެ އިއުލާނާއެކު މި ޔުނިޓްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004900 އަށް ގުޅުއްވައިގެން ނުވަތަ މިނިސްޓްރީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ހޯދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްރޫއެއްކަން މިނިސްޓްރީން ފާހަގަކުރި އެވެ.










