ގްރީންލޭންޑަށް އަރަން މަސައްކަތް ކޮށްފި ނަމަ، ވާހަކަ ދައްކާނީ ވެސް ޝޫޓް ކުރުމަށް ފަހުގައި ކަމަށް ބުނެ، ޑެންމާކުން އެމެރިކާ އަށް އިންޒާރު ދީފިއެވެ.
ޑެންމާކުގެ ޑިފެންސް މިނިސްޓްރީން މި ގޮތަށް އިންޒާރު ދިނީ އާކްޓިކް ސަރަޙައްދުގައި އޮންނަ ގްރީންލޭންޑްގެ ސްޓްރެޓެޖިކް މުހިންމުކަމާއި މެދު ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް އެތަން ބޭނުންވެގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ސިފަސިފައިގައި ނުސީދާ އިންޒާރުތައް ދެމުންދާ ދަނޑިވަޅެއްގައެވެ.
ޑެންމާކުން މިހާރު ވަނީ ހަތިޔާރު އެޅި އެއްވެސް ބަޔަކު ގްރީންލޭންޑަށް އަރަން މަސައްކަތް ކޮށްފި ނަމަ އެބަޔަކާއި ވާހަކަ ދެއްކުމުގެ ކުރިން ޙަމަލާ ދިނުމަށް ގްރީންލޭންޑްގައި ތިބި ޑެންމާކުގެ ސިފައިންނަށް ވެސް އަންގާފައެވެ.
ޑެންމާކުގެ އިންޒާރުގައި ސީދާ އެމެެރިކާގެ ނަމެއް ނުހިމަނައެވެ. ނަމަވެސް މުޙައްލިލުން ބުނަނީ ޑެންމާކުގެ އިންޒާރަކީ ސީދާ އެމެރިކާ އަށް ދިން އިންޒާރެކެވެ.






