ރާއްޖޭގެ ޒަކާތު ފަންޑު ބެލެހެއްޓުމުގެ ކަންކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބައިވެރިވުމަކީ މި ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ޒަކާތު ފަންޑު ބެލެހެއްޓުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އެމްއެމްއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން އެކުލަވާލި މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޝަހީމެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހްމަދު މުނައްވަރެވެ. މި އެއްބަސްވުމުގެ ދަށުން ޒަކާތު ފަންޑުގެ ފައިސާ ދެން ބަލަހައްޓަމުންދާނީ އެމްއެމްއޭގައި ހުޅުވާ ހާއްސަ އެކައުންޓެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ޒަކާތުގެ ކަންކަން ބެލެހެއްޓުން އެމްއެމްއޭއާ ހަވާލުކުރެވިގެން ދިޔުމަކީ ރައްޔިތުންގެ މެދުގައި މި ނިޒާމަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ.
"މި ފަންޑު ބަލަހައްޓާނީ ވަކި ހާއްސަ އެކައުންޓެއްގައި ވަކި ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން. އަޅުގަނޑު ގަބޫލުކުރާ ގޮތުން އެމްއެމްއޭއިން މި ފަންޑު ބެލެހެއްޓުމަކީ، މި ނިޒާމާ މެދު އިތުބާރު ދެމެހެއްޓުމަށް އެޅުނު މުހިއްމު ފިޔަވަޅެއް،" ޝަހީމް ވިދާޅުވި އެވެ.
ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ ހާއްސަ ގާނޫނެއް އެކުލަވާލައި، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވާފަ އެވެ. ޒަކާތު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޒަކާތު ފަންޑުގެ ކަންކަން ބެލެހެއްޓުން މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ހަވާލުކުރަން ޖެހެނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެވެ.
މީގެ އިތުރުން، ޒަކާތު ފަންޑު ބަލަހައްޓަން ޖެހެނީ ދައުލަތުގެ ޕަބްލިކް އެކައުންޓާ ވަކިން، އެމްއެމްއޭގައި ގާއިމުކުރާ ވަކި ފަންޑެއްގެ ގޮތުގައެވެ. މި ފަންޑުގައި ހުންނަ ފައިސާ، އިސްލާމީ ޝަރީއާ ހުއްދަ ކުރާ ގޮތުގެ މަތިން އިންވެސްޓުކޮށް، އެއިން ފައިދާ ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.






