އަންނަ ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މި މޭރުމުން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގުރޫޕްގައި ކުރެއްވި މެސެޖެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ވަނީ ގުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދާފައި ކަމަށެވެ. މީގެ އިތުރުން، ހަތް ކުއްޖެއްގެ އިމްތިހާނު ކުރިއަށްދާއިރު އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވުމަށް ހަމަޖެހިފައިވާއިރު 42 ހާފިޒަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ މެޑަލް ހާސިލްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ ނިމިދިޔަ 2024 ވަނަ އަހަރާ ބަލާއިރު އިތުރު އަދަދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ އަދުގެ ސަރުކާރުގެ ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ މި އަހަރުގެ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ބޮޑުކުރައްވައިފަ އެވެ.






