ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައަޅާފައިވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން 2022 ވަނަ އަހަރު ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު އަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެ އެވެ.
ހޫދުގެ މައްޗަށް ޓެރަރިސްޓް ޖަމައާތެއްގެ މެންބަރަކަށްވުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވުމުން ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
2015 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހާހަމައަށް ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އައިއެސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގެ އިތުރުން ޓެރަރިޒަމްއާ ގުޅުން ހުރި ވަކި ވަކި އަމަލުތަކަށް ރިއާޔަތްކޮށް ޖުމްލަ ފަސް ދައުވާއެއް މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލާގައި ހޫދުގެ މައްޗަށް ތިން ދައުވާ ސާބިތުވިނަމަވެސް އަނެއް ދެ ދައުވާ ސާބިތު ނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއީ އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާއެވެ.






