ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ ފްލެޓުތަކުގެ މައްސަލައިގައި ދައުވާއުފުލި ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 94 ދައުވާ، އަދި ޖައިޝާން ސައީދުގެ މައްޗަށް 89 ދައުވާ ސާބިތުވެއްޖެއެވެ.
މަމްދޫހާއި ޖައިޝާންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ މަމްދޫހާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖު ކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ އިމާރާތުގެ އެޕާޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ހީލަތުން އާންމު ފަރާތްތަކަށް ވިއްކުމާ ގުޅިގެންނެވެ.
މި މައްސަލައިގައި މަމްދޫހާއި އޭނާގެ ބައިވެރިން ބައެއް އެޕާޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެފައިސާއަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑަކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަމްދޫހުގެ މައްޗަށް 94 ދައުވާއެއް ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި އަލީ ނަދީމް ގާޒީ ނިންމެވި އެވެ. އެ ދައުވާތަކަކީ ޓެކުމުގެ 46 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.
ޕީޖީ އޮފީހުން މަމްދޫހުގެ މައްޗަށް ޖުމުލަ 104 ދައުވާއެއް ކުރިއެވެ. ގާޒީ އަލީ ނަދީމް ވިދާޅުވީ ބާކީ ދައުވާތަަކާ މެދު ގޮތެއް ނިންމަވާނީ ފަހުން ކަމަށެވެ.
ޖައިޝާންގެ މައްޗަށް ސާބިތުވެފައިވަނީ، ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑަރިންއަށް އެހީތެރިވުމުގެ އެއް ދައުވާއެވެ.
މި މައްސަލައިގައި މަމްދޫހުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެފައިވާތީ، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސް އިން މަމްދޫހު ގަނެފައިވާ އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް ޕާކިން ސްލޮޓް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މި ދައުވާތަކާ ގުޅިގެން މަމްދޫހާއި ޖައިޝާނަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.






