އިރު އުތުރުން އަންނަ ވަޔާއެކު ކުރިއަށް އޮތް ފަސްދުވަހު ވެސް ދުން ފުހުގެ އަސަރު ރާއްޖެ މަތީ ހުންނާނެ ކަމަށާއި ރާއްޖޭގެ ވައި ނުސާފުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އިރުވައި މޫސުން ފެށުމާއެކު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން އިއްޔެ ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށްވުރެ ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. މާލެ ސަރަހައްދުގެ ވައިގެ ކޮލެޓީ ދަށްވެ އިއްޔެ މި ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ 177 ޔޫއެސް އޭކިއުއައި ގައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދުންފުހުގެ އަސަރު ކުރާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކާއި އެކި ހަރަކާތްތަކުގައި ބޭރުގައި އުޅޭ ފަރާތްތަކުން ވެސް މިކަމާމެދު ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަދު ވައިގެ ކޮލެޓީ އެންމެ ދަށީ ދ. ކުޑަހުވަދޫއަށެވެ. އެ ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ 181 ގައެވެ. އަދި މާލޭ ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ 162 ޔޫއެސް އޭކިޔުއައި ގައެވެ. މިއީ ސިއްހަތަށް ވެސް ނުރައްކާ މިންވަރެކެވެ.
ވައި ނުސާފުކަމުގެ މިންގަނޑު 151 ޔޫއެސް އޭކިއުއައި އާއި 200 ޔޫއެސް އޭކިއުއައި އާއި ދެމެދުގައި ހުންނަކަމަށްވާ ނަމަ، ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމަށް މަގުފަހިވެ އެވެ. އެގޮތުން މިއީ ފުއްޕާމެއާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އެންމެނަށް ވެސް ބޮޑު މިންވަރެކެވެ.
މާލޭ ސަރަހައްދުގެ ވައި ނުސާފުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.






