މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން ފާޠިމާ ރަޟިޔަﷲ ޢަންހާގެ އުފަންދުވަސް އީރާނުގައި ކުލަގަދަކޮށް ފާހަގަ ކޮށްގިއެވެ. އެ ކަމަނާގެ އުފަންދުވަހުގެ މުނާސަބަތު އީރާނުގައި ބުދަ ދުވަހު ބޭއްވި ރަސްމީ ދީނީ ޖަލްސާތަކުގައި ހުޅަނގުގެ ފިއްތުންތަކާއި ދެކޮޅަށް ތަޤްރީރު ކުރައްވައި އީރާނުގެ މަތީ ފަންތީގެ ބޭފުޅުން ވަނީ ވާހަކަފުޅު ވެސް ދައްކަވާފައެވެ.
ޖުމާދުލްއާޚިރާ މަހުގެ 20 ވަނަ ދުވަހަކީ އީރާނުގައި ފާހަގަކުރާ “މަންމަގެ ދުވަހާއި އަންހެނުންގެ ދުވަސް” ވެސް މެއެވެ. މި ދުވަހަކީ ފާޠިމަތުގެފާނުގެ އުފަންދުވަސް ކަމުގައި އީރާނުން ޤަބޫލުކުރާ ދުވަހެވެ.
އިސްލާމީ ތާރީޚުންނާއި ރާވީންގެ ފޮތްތަކުން ވެސް އެނގެން އޮންނަ ފަދައިން ފާޠިމަތު ގެފާނަކީ ޢަލީ ބިން އަބީ ޠާލިބުގެ އަނބިކަނބަލުން އަދި ޙަސަން އާއި ޙުސައިންގެ މަންމާފުޅެވެ. ޚާއްޞަކޮށް ޝިޔަޢީންގެ ޘަޤާފަތުގެ ތެރޭގައި ޢަލީގެފާނާއި އެކަލޭގެފާނުގެ ދަރީންނަކީ ވަރަށް ބޮޑު ޝަރަފުވެރިކަމެއް ލިބިވަޑައިގެންފައިވާ ބޭފުޅުންތަކެވެ.
ނަމަވެސް އިސްލާމީ ގިނަ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި ނަބިއްޔުން ނުވަތަ އެބޭކަލުންގެ އާއިލާގެ މެންބަރުންގެ އުފަންދުވަސް ފާހަގަ ކުރުމަކީ އިސްލާމްދީނުގެ ޘަޤާފަތުގެ ތެރޭގައި ކުރިން ހިމެނިފައިވާ ކަމެއް ނޫނެވެ. (ޔަޣްނީ ބިދުޢަ އެކެވެ).
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުގައިވާ ފަދައިން އިސްލާމް ދީނުގެ ތެރެއަށް އެކަލޭގެފާނު ގެނެސްދެއްވާފައި ނުވާ އައު އެއްޗެއް ތަޢާރަފްކޮށްފި ނަމަ އެކަން ބަލައިނުގަތުމަށް އަންގަވާފައިވާއިރު، އަމުދުން އެކަލޭގެފާނުގެ ދަރިކަނބަލުންގެ އުފަންދުވަސް ފާހަގަކުރުން އެއީ ފިތުނައެކެވެ.








