ކަންބޮޑުވުންތައް ދެނެގަތުމަށް ރައީސް ވިޔަފާރިވެރިންނާ ބައްދަލުކުރަނީ

މުހައްމަދު ޖަމްޝަތު | 11 ގަޑިއިރު ކުރިން - 15 ޑިސެންބަރު 2025 22:24
ރައީސް ޑރ. މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރުއްވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރުއްވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގަ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރަވަން ނިންމަވައިފިއެވެ.

މި ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުން ކަންބޮޑުވާ ކަންކަން އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެންދަވަނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ.

މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅި އަދި މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ބައްދަލުކުރައްވާފައެވެ. އަދި މިހަފްތާގެ އަންގާރަދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ އަދި ބުރާސްފަތިދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%