ހއ. ކެލާގައި ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށައިފި އެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސް ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ހއ. ކެލާގައި ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް 'ކަލެކްޝަން ޕޮއިންޓް' ގޮތުގައި މިހާރު ދިއްދޫ، އިހަވަންދޫ އަދި ކެލާ ވެސް ހިޔާރުކުރެވޭނެ ކަމަށް އިމިގްރޭޝަނުން އެކްސް ގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.
މިފަދަ މުހިއްމު ހިދުމަތްތައް އަތޮޅުތަކުން ފަސޭހަ ކަމާއެކު ލިބޭނެ ގޮތް ހަމަޖައްސައިދީ މި ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުން ފެށިގެން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.
އިމިގްރޭޝަނުގެ ދަށުން ދޭ ޕާސްޕޯޓުގެ ހިދުމަތުގެ އިތުރުން އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް އަތޮޅުތަކުގައި ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކުން ވެސް އެއްރަށުގައި މި ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.






