އަނެއްކާވެސް ހަތަރު މަސާޖު ޕާލާ އަކުން ބިދޭސީންތަކެއް އަތުލައިގަނެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގައި ހިންގަމުން ދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން މިހާރު އަޅާފައިވާ ކަމަށް އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.
އިމިގްރޭޝަނުން މީގެ ދެ ދުވަސް ކުރިން ވެސް ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށް ހަތަރު ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އެ ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީ އަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި އޮޕަރޭޝަންތަކަކީ އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަންގެ ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެކެވެ.









