ވެކްސިންގެ ޤައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފި

އައިޝަތު ރުވާ ރިފްޢަތު | 35 ދުވަސް ކުރިން - 10 ޑިސެންބަރު 2025 16:16
ކުޑަކުއްޖަކަށް ވެކްސިން ދެނީ---ފޮޓޯ: ޔުނިސެފް
ކުޑަކުއްޖަކަށް ވެކްސިން ދެނީ---ފޮޓޯ: ޔުނިސެފް
ޚުލާސާ

ޝެޑިއުލްގައި ހިމަނާފައިވަނީ "ނިއުމަ ކޯކަލް" އަދި "ރޯޓާ ވައިރަސް" ވެކްސިން، މި ވެކްސިންތައް ދޭނީ އުމުރުން 2 މަހާއި، 4 މަސް އަދި 6 މަހުގެ ކުދިންނަށް.

ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައި، މިއަދުން ފެށިގެން އެ ދެ ވެކްސިން ދިނުމަށް ނިންމައިފި އެވެ. ގައުމީ ޝެޑިއުލްގައި ހިމަނާފައިވަނީ "ނިއުމަ ކޯކަލް" އަދި "ރޯޓާ ވައިރަސް" ވެކްސިނެވެ.

ވެކްސިން ޕްރޮގްރާމްގެ ޑިރެކްޓަރ ނާޝިޔާ އަބްދުލް ގަފޫރު ވިދާޅުވީ މިއަދުން ފެށިގެން އެ ދެ ވެކްސިން ގައުމީ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން ދޭން ފަށާނެ ކަމަށާއި، މިއީ ކުރިން އަމިއްލަ ގޮތުން ބޭނުންވާ މީހުންނަށް ގަނެގެން ދޭ ވެކްސިންތަކެއް ކަމުގައި ވިޔަސް، ގައުމީ ޝެޑިއުލްގެ ތެރޭގައި ހިމެނުމާއެކު އެހެން ވެކްސިންތަކެކޭ އެއްގޮތަށް ދެމުން ގެންދާނެ ކަމަށެވެ. އަދި އެއްވެސް އަގަކާ ނުލާ ވެކްސިން ސެންޓަރުތަކުން މި ވެކްސިން ލިބެން ހުންނާނެ ކަމަށްވެސް ނާޝިޔާ ވިދާޅުވި އެވެ.

ނިއުމޯ ކޮކަލްއަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރި ވުމަށް ޖަހާ ވެކްސިނެކެވެ. ރޮޓާ ވައިރަސްއަކީ ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކުޑަކުދިންނަށް ދިމާވާ އާންމު ހާލަތްތަކުން ދުރުކޮށްދިނުމަށް ދޭ ވެކްސިނެކެވެ. މި ވެކްސިންތައް ދޭނީ އުމުރުން ދެ މަހާއި، ހަތަރު މަސް އަދި ހަ މަހުގެ ކުޑަކުދިންނަށެވެ.

މި ދެ ވެކްސިނަކީ މީގެ ކުރިން އޮޕްޝަނަލް ދެ ވެކްސިނެކެވެ. ނަމަވެސް ގައުމީ ޝެޑިއުލްގައި ހިމެނުމުން މި ވެކްސިންތައް އާސަންދައިން ކަވަރު ކުރާނެ އެވެ. ގައުމީ ޝެޑިއުލްގެ ދަށުން މީގެ ކުރިން މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި ދެނީ، އެމްއެމްއާރު، ޕޯލިއޯ، ހެޕަޓައިޓިސް އަދި ޓެޓްނަސް ފަދަ ވެކްސިންތަކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%