ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން، (އެސްއީޒެޑް)ގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ މިއަދު ދީފިއެވެ.
ރާއްޖޭގައި އެސްއީޒެޑް ގާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ އަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ. ނަމަވެސް އެ ގާނޫނުގައި ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކޮށް މި ސަރުކާރުން ވަނީ ގާނޫނު އިސްލާހުކޮށްފައެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއަށް ރާއްޖެއިން މިހާރު ހުއްދަދީފައިވާކަމަށެވެ. މިކަމުންވެސް ދެމެހެއްޓެނިވި ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާއްސަ ސިޔާސަތު ރަމްޒުކޮށްދޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަސްޓެއިނަބަލް ޓައުންޝިޕަކީ އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާއެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ.
ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަދޭނީ، މަދުވެގެން 500 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓްތަކަށެވެ.
އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރަނީ ބޯޑް އޮފް އިންވެސްޓްމަންޓުންނެވެ. އެ ބޯޑުން ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ، ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށްކަމަށެވެ.
މި މަޝްރޫއުތަކުގެދަށުން، ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި، ތައުލީމީ ހިދުމަތްފޯރުކޮށްދޭ މަރުކަޒުތައް ތަރައްގީކުރާނެއެވެ. އަދި މީގެދަށުން ތަރައްގީކުރެވޭ ތަންތަނުގައި މަދުވެގެން 60 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެއެވެ.
ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫއަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެއެވެ.
އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއަށް ލައިންސަސް ދޫކުރަން ފެށުމާއެކު، ފަތުރުވެރިކަމަށް ރާއްޖޭގެ އިގްތިސާދު ބާރޯސާވެފައިވާ މިންވަރު ކުޑަކުރެވޭނެކަމަށް މިނިސްޓަރު ސައީދު ވަނީ ކުރިން ވިދާޅުވެފައެވެ.





