ހައްޖު ކޮންފަރެންސަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 36 ދުވަސް ކުރިން - 9 ޑިސެންބަރު 2025 14:36
ހައްޖު އަދި އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ވަޑައިގަތް ސައުދީގެ ވަފުދުގެ ބޭފުޅަކާ މިނިސްޓަރު ޝަހީމް ބައްދަލުކުރައްވަނީ--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހައްޖު އަދި އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ވަޑައިގަތް ސައުދީގެ ވަފުދުގެ ބޭފުޅަކާ މިނިސްޓަރު ޝަހީމް ބައްދަލުކުރައްވަނީ--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ހައްޖު އަދި އުމްރާ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަަނަ ދުވަހު

ދިވެހިރާއްޖޭގެ ދެ ވަނަ ހައްޖު އަދި އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް ވަޑައިގެންފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހައްޖު އަދި އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، ސައުދީ އަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން އަބްދުﷲ އަލްރަޖްހީ އާއި އެ ޖަމުއިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.

މި ދަތުރުފުޅުގައި އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން އަބްދުﷲ އަލްރަޖްހީ، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާ ރަސްމީކޮށް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދިހަމަ އެހެންމެ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި، ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒަށް ޒިޔާރަތް ކުރުމާއި، ޒުވާން ހަތީބުންނާއި ހާފިޒުން، އަދި އިމާމުންނާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އިސްފަރާތްތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ހައްޖު އަދި އުމްރާ ކޮންފަރެންސްގައި އެ ޖަމުއިއްޔާގެ މަސައްކަތްތަކާއި ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއްވެސް ދެއްވާނެ އެވެ.

މި އަހަރުގެ ހައްޖު އަދި އުމްރާ ކޮންފަރެންސްގައި ރާއްޖޭގައި ހައްޖާއި އުމްރާގެ ހިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%