ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރި ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފުވި ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ރޭ ހިންގި ރެއިޑު އޮޕަރޭޝަނުގައި މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވާ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިތަންތަނުގައި ގަވާއިދާ ހިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިއަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އިމިގްރޭޝަނުން އަންނަނީ ހުއްޓުމެއްނެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަފާތު އޮޕަރޭޝަންތައް ހިންގައި، އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީން ޑީޕޯޓު ކުރާ މިންވަރު މިހާރު ވަނީ އިތުރުކޮށްފަ އެވެ.









