ކުރީގެ ރައީސުންގެ އޮފީސް ހިންގަންދޭ އިނާޔަތް ކަނޑާލާ ބިލް ތަސްދީގުކުރައްވައިފި

މުހައްމަދު ޖަމްޝަތު | 3 ގަޑިއިރު ކުރިން - 6 ޑިސެންބަރު 2025 18:21
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

މި ބިލާއެކު ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދު އުނިވާނެ. އަދި ނައިބު ރައީސުންނަށް އިނާޔަތް ލިބޭނެ

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ކަނޑައަޅައި، އެ ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމާބެހޭ އުސޫލުތައް ކަނޑައަޅައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަޔާންކުރުމެވެ.

ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންގެންދިޔަ އޮފީސް ހިންގުމުގެ ހަރަދު އުނިކުރުމާއި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އެ މީހަކު ދެވަނަ ދައުރަކަށް އިންތިހާބުވުމާއި ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގެ ތެރޭގައި އިނާޔަތް ލިބުން މެދުކެނޑޭނެ ކަމަށް ވަނީ ކަނޑައަޅާ ބަޔާންކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި، އެ މީހަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމު ނޫންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 30،000 ރުފިޔާ އާއި ދައުލަތުގެ ހަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެ މީހެއްގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%