އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގެ ދަށުން 20 ދިވެހި ދަރިވަރަކަށް މާސްޓާސް ކިޔެވުމުގެ ފުރުސަތު

އައިޝަތު ރުވާ ރިފްޢަތު | 1 ގަޑިއިރު ކުރިން - 6 ޑިސެންބަރު 2025 07:47
ފޮޓޯ: އޮސްޓްރޭލިއަން އެމްބަސީ
ފޮޓޯ: އޮސްޓްރޭލިއަން އެމްބަސީ
ޚުލާސާ

މި ޕްރޮގްރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ދެވޭ އަދަދު އިތުރުވަމުންދާކަން ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފައި.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން، 20 ދިވެހި ދަރިވަރަކަށް އޮސްޓްރޭލިއާގެ ޔުނިވަސިޓީތަކުގައި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ދީފި އެވެ. މި ސްކޮލާޝިޕްތަކުގެ ދަށުން ކިޔަވަން ފަށާނީ އަންނަ އަހަރު އެވެ.

މި ސްކޮލާޝިޕްތަކަކީ ގައުމުތަކުގެ ތަރައްގީ އަށް އެހީތެރިވުމަށް އޮސްޓްރޭލިއާ އިން ހިންގާ އެންމެ މުހިންމު އެއް ތައުލީމީ ޕްރޮގްރާމް ކަމަށް އޮސްޓްރޭލިއާ ހައިކޮމިޝަނުން ބުނެޏެވެ. ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވީ އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު އަދި އޮސްޓްރޭލިއާގެ އެލަމްނަސް ޑރ. އާއިޝަތު ޝިހާމެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަނުން ބުނީ، މި ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ރާއްޖޭގެ ތަރައްގީ އަށް މުހިންމު ތަފާތު އެކި ދާއިރާތަކުން މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން ފައިނޭންސް އެންޑް އިކޮނޮމިކްސް، ސޯޝަލް ވޯކް، ގާނޫނު އަދި ސައިބާ ސެކިއުރިޓީ، ޕޮލިސީ އެންޑް ޑިވެލޮޕްމެންޓް ސްޓަޑީޒް، އަދި އޯޝަނޯގްރަފީ ފަދަ ދާއިރާތައް ހިމެނޭކަމަށް ހައި ކޮމިޝަނުން ބުނެފައިވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ދެވޭ އަދަދު އިތުރުވަމުންދާކަން ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2022 ވަނަ އަހަރު 8 ދަރިވަރަަކަށް ސްކޮލާޝިޕް ދިންއިރު، މި އަހަރު ވަނީ 20 ސްކޮލާޝިޕް ދީފަ އެވެ. ސްކޮލާޝިޕް ދިނުމަށް ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި ވައިބްރަންޓް މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނައި އެސޯސިއޭޝަންގެ 10 ވަނަ އަހަރީ ދުވަސް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އޮސްޓްރޭލިއާގެ އެވޯޑްސް ސްކޮލާޝިޕާއި އެގައުމުގެ ތައުލީމީ ނިޒާމަށް ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ވަނީ ބޮޑުވެފަ އެވެ. މި ސްކޮލަޝިޕްގައި މީގެ ކުރިންވެސް ތައުލީމީ ދާއިރާ، ހޮސްޕިޓާލިޓީ ދާއިރާ، އަދި މެޑިސިންގެ ދާއިރާ ފަދަ ތަފާތު ގިނަ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާސިލްކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި ވެއެވެ. 1960 ގެ އަހަރުތަކުން ފެށިގެން އޮސްޓްރޭލިއާގެ ރަސްމީ ސްކޮލާޝިޕްތަކުގައި، އޮސްޓްރޭލިއާ އެވޯޑްސް ވެސް ހިމެނޭ ގޮތަށް، 750 އަށް ވުރެ ގިނަ ދިވެހިން ވަނީ އެގައުމުގައި މަތީ ތައުލީމު ހާސިލްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%