
ޒެލެންސްކީ އާއި އޭނާގެ ޗީފް އޮފް ސްޓާފް ޔަރްމަކް (މިދިޔަ އަހަރު)
ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ، ޔުކްރޭނުގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އަންޑްރީ ޔަރްމަކް މަޤާމުން އިސްތިއުފާ ދީފިއެވެ.
ޒެލެންސްކީގެ "ރައިޓް ހޭންޑް” ޔަރްމާކް އިސްތިއުފާ ދެއްވީ ކޮރަޕްޝަނުގެ މައްސަލައިގައި މިއަދު އޭނާގެ ގެއާއި އޮފީހާއި އަދި އޭނާ އާއި ގުޅުން ހުރި ބައެއް ތަންތަނަށް އެ ޤައުމުގެ އެންޓި ކޮރަޕްޝަން ބޮޑީސް، ނޭޝަނަލް އެންޓި ކޮރަޕްޝަން ބިއުރޯ އޮފް ޔުކްރޭން (ނާބޫ) އާއި ފުލުހުންގެ ޚާއްޞަ ޓީމެއް ޗެކުކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.
އޭނާގެ މައްޗަށް ތުހުމަގު ކުރާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ކޮރަޕްޝަން މައްސަލައެއް އޮތް އިރު ޒެލެންސްކީ ވަނީ އޭނާ ދިފާޢު ކޮށްފައެވެ. ވިދާޅުވީ، ޔަރްމަކް އިސްތިއުފާ ދިނީ ރައްޔިތުންގެ ހިތްތަކުގައި ޝައްކު ނުއުފައްދަން ކަމަށާއި އަދި ތަޙްޤީޤަށް އޭނާ އެއްބާރުލުން ދެމުންދާ ކަމަށެވެ.
ރައީސް ޒެލެންސްކީގެ މައްޗަށް ވެސް ޔުކްރޭނުގެ ރައްޔިތުން ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ. އޭގެތެރޭގައި އެމެރިކާއިން 35 މިލިއަން ޑޮލަރުގެ ގެއެއް ގަތުމާއި، ބޭރުގެ ބޭންކް އެކައުންޓެއްގައި 1.2 ބިލިއަން ޑޮލަރު ރައްކާކޮށްގެން އުޅުމާއި. އިތުރު 15 ގެއާއި، ޕްރައިވެޓް ތިން މަތިންދާ ބޯޓު ގެންގުޅުން ހިމެނެއެވެ.






