އިއްޔެގެ މެންދުރުގެ ވަގުތެއްގައި ހޮންކޮންގެ މީހުން ދިރިއުޅޭ 31 ބުރީގެ އިމާރާތެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 44 އަށްވުރެ ގިނަ މީހުން މަރުވެ 200 އަށްވުރެއް ގިނަ މީހުން ވީނުވީ ނޭނގި ގެއްލިއްޖެ އެވެ. ވަންގް ފުކް ކޯޓް ނަމަކަށް ކިޔާ މި އިމާރާތުގައި އެންމެ ގަދައަށް އަލިފާން ފެތުރެން ފަށާފައިވަނީ މި ހާދިސާ ހިނގިތާ ތިން ގަނޑިއިރު ފަހުން އެ ގައުމުގެ ގަނޑިން އިރުއޮއްސި 18:22 ގައެވެ.
ރިޕޯޓުތައް ބުނާގޮތުން އަލިފާން ފުރަތަމަ ރޯވީ އެ އިމާރާތުގެ ބޭރުގަ އެވެ. އަދި އެ އިމާރާތް އެވަގުތު ދިޔައީ މަރާމާތުކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަލިފާން ރޯވި ސަރަހައްދުން ސްޓައިރޯފޯމް ޕެނަލްތަކާއި، ޓާޕޯލިން/ޕްލާސްޓިކް ޝީޓިން އަދި ބޭރު ނެޓިން ފަދަ އަލިފާން ރޯވާ ތަކެތި ތަހުގީގަށް ފެނިފައިވެ އެވެ. އެހެންކަމުން ޖެހިގެން ހުރި އިމާރާތްތަކަށް އަލިފާންގަނޑު ފެތުރުނީ ކަމަށް ތަހުގީގު ޓީމުން ބުނެ އެވެ.
އަލިފާންގަނޑު އެސްޓޭޓްގެ އަށް ޓަވަރުގެ ތެރެއިން ހަތް ޓަވަރަށް ފެތުރިގެން ދިޔަ އެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އުމުރުން 37 އަހަރުގެ ފަޔަ ފައިޓަރެއް ވެސް ހިމެނެ އެވެ. މި ހާދިސާގެ ސަބަބުން އެތައް ބަޔެއްގެ ގެދޮރު ގެއްލިފައިވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.
މިއީ ލެވެލް ފަހެއްގެ އިމަޖެންސީއެއް ކަމަށް ކަނޑައަޅައި، ހޮންކޮންގެ ފުލުހުން ވަނީ މި ހާދިސާ ހިނގި ސަރަހައްދަށް އެތައް ސަތޭކަ ފަޔަރ ފައިޓަރުންނާއި އެތައް ސަތޭކަ ފަޔަރ ޓްރަކްތަކާއި އެމްބިއުލާންސް އަދި އިމަޖެންސީ އޮފިސަރުން ފޮނުވާފަ އެވެ. ކުނިތައް ފައިބަމުންދާތީ އާއި، ހޫނު ގަދަވުމާއި، ދުމުން ފުރިފައިވާ އެ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ. ގިނަ މީހުން އަދިވެސް ތިބީ އުސް ފަންގިފިލާތަކުގައި ތާށިވެފަ އެވެ.
މި އަލިފާނު ހާދިސާގެ ތުހުމަތުގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުންފުންޏެއްގެ ދެ ޑިރެކްޓަރުންނާއި ކޮންސަލްޓަންޓެއް ހިމެނެ އެވެ.
މި ހާދިސާއާ ގުޅިގެން ހޮންކޮންގްގައި އިމާރާތްތަކުގެ ރައްކާތެރިކަމާ ބެހޭ މިންގަނޑުތަކާއި އެ މިންގަނޑުތައް ތަންފީޒު ކުރުމާ ބެހޭ ގޮތުން އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް ފަށައިފަ އެވެ.






