ރާއްޖޭގެ އެކި ހިސާބަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓު)އިން ހާމަކޮށްފި އެވެ. މި ވިއްސާރައިގެ ސަބަބުން މިއަދު މެންދުރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން މާލޭގެ މަގުތަކުގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށްގެންދަމުންނެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ބާރުވުން އެކަށީގެންވާ ކަމަށެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓުން ވަނީ ޅ.އަތޮޅުން ފެށިގެން އދ. ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލުވެސް ނެރެފަ އެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 4:00ގައެވެ.
މިއަދު މެންދުރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން މާލޭގެ މަގުތައް ފެން ބޮޑުވެފައިވާއިރު، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.






