ޔުކްރޭނު ހަނގުރާމަ ހުއްޓައިލުމަށް އެކުލަވައިލި ޞުލްޙައިގެ ޕްލޭނަށް ޔޫކްރޭނުން އެއްބަސް ވިޔަސް ރަޝިޔާއިން އެ ހުށަހެޅުމާއި ދެކޮޅު ހަދައި، ހަނގުރާމަ ކުރުން މިވަގުތު ހުއްޓާނުލާނެ ކަމަށް ބުނެފިއެވެ.
އެމެރިކާގެ ސީނިއާ އޮފިޝަލަކާއި ޙަވާލާދީ އިތުބާރު ހުރި މަސްދަރަކުން ބުނާ ގޮތުގައި ޓްރަމްޕު ހުށަހެޅި އެ ޞުލްޙައިގެ އެއްބަސްވުމުގައި ކުރިން 28 ނުކުތާގެ ހިމެނޭއިރު، ޔުކްރޭނުން އެ ޕްލޭނަށް އެއްބަސް ވީ އޭގައިވާ ބައެއް ނުކުތާތައް އުނި ކުރުމަށް ފަހުގައެވެ. މިހާރު އެ ޕްލޭނުގައި ވަނީ 19 ނުކުތާއެވެ.
ކުރީގެ 28 ނުކުތާގެ ޕްލޭނަށް ޔޫރަޕުން ވަރަށް ބޮޑަށް ދެކޮޅުހެދިކަން ފާހަގަ ކުރެވެއެވެ.
ކުރިން ހެދި ޑްރާފްޓުގައި ނޭޓޯ އަށް ޔުކްރޭނު ވަނުން ވަނީ މަނާ ކޮށްފައެވެ. އަދި ވަކި ވަރަކަށް ވުރެ ގިނައިން ހަތިޔާރު އެޅި ސިފައިން ވެސް ނުގެންގުޅެވޭއިރު، ރަޝިޔާ އިން ހިފާފައިވާ ސަރަޙައްދުތައް ޔުކްރޭނަށް ނުލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް މި ޕޮއިންޓުތައް މިހާރު މިވަނީ އުނިކޮށްފައެވެ.
ރަޝިޔާއިން ބުނީ ހުޅަނގުން ޖަހާހާ ބެރަކަށް ތިމަންނާމެން ނުނަށާނެ ކަމަށާއި އާ ޑްރާފްޓު ރަޝިޔާއިން ބަލައިނުގަންނާނެ ކަމަށެވެ. އެހެންކަމުން މިވަގުތު އެއްބަސްވުމުގައި ޔުކްރޭނުން ސޮއިކުރަން ބޭނުންވި ނަމަވެސް، އެ ފުރުޞަތެއް ރަޝިޔާއިން ނުދޭނެ ކަމަށް ވެސް މޮސްކޯއިން ބުނެއެވެ.









