ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން މުޙައްމަދު ފައިޞަލް އިސްތިއުފާ ދެއްވައިފިއެވެ.
ކޯޓުތަކާއި ބެހޭ ޤާނޫނުގައި ވާ ގޮތުން 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ފައިޞަލް އިސްތިއުފާ ދެއްވި އިރު އޭނާ އާއި އެކު އެ ކޯޓުގެ ފަސްފަނޑިޔާރުންގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ. އެއީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި، ފަނޑިޔާރު މުޙައްމަދު ނިޔާޒު އާއި، ފަނޑިޔާރު ފާޠިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު ޙުސައިން މަޒީދުގެ މައްސަލަ ތަކެކެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމާއި ފައިޞަލް ޙަވާލުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުގައެވެ.
ފައިޞަލް ވަނީ މީގެ ކުރިން ޖޭއެސްސީގެ މެންބަރުކަމާއި އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ. އެއީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.
ހައިކޯޓު މިހާރު ހިންގަނީ މި މަހުގެ 19 ވަނަ ދުވަހު އެ ކޯޓާއި ވަގުތީ ގޮތުން ޙަވާލު ކުރެއްވި ފަނޑިޔާރު ޢަބްދުﷲ ޖަމީލު މޫސާގެ ބެލުމުގެ ދަށުންނެވެ.






