އަންނަ އަހަރު ރާއްޖޭން 600 މިލިޔަން ޑޮލަރުގެ ދަރަންޏެއް ދައްކަންޖެހިފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ފައިސާ ހޯދަން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބޭނުން ނުކުރުމަށް އެމްއެމްއޭ އިން ސަރުކާރަށް ލަފާ ދީފިއެވެ.
އެމްއެމްއޭއިން މިގޮތަށް ލަފާދިނީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ދައުލަތުގެ ބަޖެޓާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިންނެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ 9 ވަނަ ބައްދަލުުވުމުގައި އެމްއެމްއޭގެ ހުށަހެޅުންތައް ކޮމިޓީއާ ހިއްސާ ކުރައްވަމުން، އެމްއެމްއޭގެ ރިސާޗް ޑިވިޝަންގެ ޑިރެކްޓަރު މަރިޔަމް ރަޝްފާ ވިދާޅުވީ، ބޭރު ދަރަނީގެ ގޮތުގައި އަންނަ އަހަރުގެ އޭޕްރީލް މަހު ރާއްޖޭން ދައްކަންޖެހޭ 600 މިލިޔަން ޑޮލަރު ދައްކަން ހަ މަހަށްވުރެ ކުޑަތަންވެފައިވާއިރު އާ ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމަށް ލަފާ އަރުވާ ކަމަށެވެ.
އަދި މިހާރުވެސް އަމަލު ކުރަމުންދާ ގޮތަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެސްޑީއެފް ފަންޑަށް އެއްކޮށް ޖަމާކޮށް، އެސްޑީއެފް ފަންޑ ބަޖެޓް ފައިނޭންސިން އަށް ބޭނުން ނުކުރުމަށް ލަފާ އަރުވާކަމަށް ވިދާޅުވި އެވެ.
"މި ދަރަނި ދައްކަން ރާވާފައިވާ ޕްލޭނާ އެއްގޮތަށް އެޗީވްގައި ފައިސާ ހުންނާނެކަން ކަށަވަރު ކުރުމަށް އެއާޕޯޓް ޑިވެކޮޕްމަންޓް ފީގެ ގޮތުގައި ލިބެމުންދާ ބޭރު ފައިސާގެ އާމްދަނީ އެއްކޮށް އެސްޑީއެފަށް ޖަމާ ކުރަމުން ގެންދިއުމަށާއި، ބަޖެޓް ފައިނޭންސް ކުރުމަށް އެޗްޑީއެފްގެ ފައިސާ ބޭނުން ނުކުރުމަށް ލަފާއަރުވަން، ރާވާފައިވާގޮތަށް އެކްޓާނަލް ފައިނޭންސިން ހަމަނުޖެހއިްޖެނަމަ ފައިނޭސިން ހޯދުމަށް ޑޮމެސްޓިކް މާކެޓަށް ބަރޯސާވާން ޖެހޭކަން ފާހަގަކުރަން،" ރަޝްފާ ވިދާޅުވި އެވެ.
އަންނަ އަހަރު ދައުލަތުން ދައްކަން ޖެހޭ "ބޮޑު ދަރަނިތައް" އަދާކުރުމަށްޓަކައި ބޭރު ފައިސާ އިން އާމްދަނީ އިތުރު ކުރުމަށް އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކުހާއި ޑިޕާޗާ ޓެކްސް މި އަހަރުގެ ޖެނުއަރީން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެެ. މި ބަދަލުތަކާއެކު ސެޕްޓެމްބަރުގެ ނިޔަަލަށް އެސްޑީއެފް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. މި ފަންޑު ބޭނުންކުރަނީ ދައުލަތުން ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށްޓަކަ އެވެ.
ރަޝްފާ ވިދާޅުވީ، ޑޮމެސްޓިކް މާކެޓުން ފައިނޭންސް ހޯދުމަށް މަގުފަހި ކުރުމަށްޓަކައި ސަރުކާރުގެ ސެކިއުރިޓީސް ގަނެ ވިއްކުމަށް ސެކަންޑަރީ މާކެޓް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ބަދަލުތައް ގާނޫނީ އޮނިގަނޑަށް ގެނެސް ސަރުކާރުގެ ސެކިއުރުޓީ ސިސްޓަމް އެކުލަވާލުމަށްވެސް ލަފާ އަރުވާ ކަމަށެވެ. އަދި ޓެކުހުގެ އާމްދަނީ އިތުރުކުރުމަށް ޓެކުހާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަށް ވީ އެންމެ އަވަހަށް ފާސްވެގެން ދިއުން މުހިންމު ކަމަށާއި ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް އިތުރުކުރުމަށްޓަކައި އޮޑިޓްކުރުމަށް ބޭނުންވާ ވަސީލަތްތައް މީރާއަށް ފަހިކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ރަޝްފާ ފާހަގަކުރެއްވި އެވެ.






