ރައްޔިޔތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ މަސްތުވަތަކެއްޗާ ބެހޭ ބިލު ފާސްކުރާނީ އެތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތަކަށް އިސްލާމް ދީނުގައި އޮތް އެންމެ ހަރުކަށި އަދަބު ހިމަނައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީން ބޭއްވި "ދިވެހީންގެރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްގަހު އެންމެ އިސްކަންދެއްވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދެވުމަށްކަަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލައާއި ގޭންގް ކުށްތަކުގެ މައްސަލައާއި ބިދޭސީންގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވެން އޮތީ އެކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވިގެންކަމަށާއި، އެގޮތުން އޭގެ ވިޔަފާރިކުރާ މީހުން ހުއްޓުވައިގެން ނޫނީ އެ މައްސަލަ ހައްލުނުވާނޭކަމަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދީނުގައި އެކަމަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ލިބޭގޮތަށް ގާނޫނުތައް އިސްލާހުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މި ދިވެހިރާއްޖޭގައި ހިންގުމު އެންމެ ބިޔަބޮޑު އޮޕަރޭޝަން ހިންގިީ އިއްޔެ މި ޑްރަގުގެ ވަބާ ނައްތާލުމަށްޓަކާ. 500 ފުލުހުން ނުކުމެ ޑްރަގުގެ ވިޔަފާރިކުރާ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކުރި. އަޅުގަނޑުމެން މިކަން މިކުރަނީ އިހްލާސްތެރިކަމާ އެކީގަ. މީ ނުހުއްޓާނެ އޮޕަރޭޝަނެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމުން ޑްރަގުގެ ވަބާ ނައްތާލަން އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަަށެވެ.






