ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ބާއްވާ ބޮޑު ޖަލްސާ މިރޭ 20:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.
މިރޭ ބާއްވާ ޖަލްސާއަށް ޕީއެންސީން އަންނަނީ ވަރަށް ބޮޑެތި ތައްޔާރީތަކެއްވަމުން އަންނައިރު، މި ޖަލްސާއަކީ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބާއްވާ ޖަލްސާއެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ޖަލްސާގެ ބައިވެރިންނާ މުހާތަބުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން އާއްމުންގެ ގިނަ ރައްޔިތުން ބައިވެރިވުމަށްވެސް މި ޖަލްސާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން، މި ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީގެ އާންމު މެމްބަރުންނާއި، ސަޕޯޓަރުން މާލެއަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިއްޔެއާއި މިއަދުގެ އެކި ވަގުތުތަކުގައި މި ޖަލްސާގައި ބައިވެރިވުމަށް ވަރަށް ގިނަ ބަޔަކު މާލެ އައިސްފައިވެ އެވެ.
މި ޖަލްސާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަދުގެ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއެކެވެ. މި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަތުމުން ޖަލްސާއަށް އިތުރު ފޯރިއާއި ފުރިހަމަކަމެއް ލިބިގެންދާނެ އެވެ.
މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ މުޅި އާޓިފިޝަލް ބީޗު ސަރަހައްދު ފުރާލުމަކީ ޕީއެންސީގެ ވަރަށް ބޮޑު އެދުމެކެވެ.






