މާލެ ސަރަހައްދުން ވަރަށް އަވަހަށް 15000 ގޯތި ދޫކުރަން އިޢުލާން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާއި މުޚާޠަބު ކުރައްވަމުން ރައީސް ވިދާޅުވީ ކުރިޔަށް އޮތް ފަސްމަސްދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމައި ގޯތިތައް ދިނުމަށް ހުޅުވާލާނެ ކަމަށެވެ.
މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ތަނަވަސް ކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ބޮށު މަޝްރޫޢުގެ ތެރެއިން މިފަހަރު ގޯތިތައް ދޫކުރަނީ މި ސަރުކާރުން ހިއްކަން ފެށި ރަސްމާލެއިންނެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ގޯތިތައް ދޫކުރާނީ އުމުރުން 18 އަހަރުން މަތީގެ އަދި އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަމަށާއި އެއީ ޢާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގެ ދަށުންނެވެ.
ރައީސް މުޢިއްޒުގެ ވަޢުދުފުޅައި އެއްގޮތަށް ގެންދާ މި ބޯހިޔާވަހިކަމުގެ މަޝްރޫޢު އަވަސް ކުރުމަށްޓަކައި އިތުރު ޑްރެޖަރުތައް ވަރަށް އަވަހަށް ރާއްޖެ އަންނާނެއެވެ.









