ހުޅުމާލެ ފޭސް-2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފަ އެވެ. މި އެކްސިޑެންޓުގައި މަރުވެފައިވަނީ ފިރިހެނެއް ކަމަށްވާ ކ. ދިއްފުށި ލައިޓް ގާޑަން / އިސްމާއިލް ރަޔާން ބިން ނާޒިމް (19 އަހަރު) އެވެ.

އެކްސިޑެންޓު ހިނގި ދެ ސައިކަލު---ފޮޓޯ: އެމްވީ ކްރައިސިސް
މި އެކްސިޑެންޓު ހިނގާފައިވަނީ ނިކަގަސް މަގުގައި ދެ ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ދެ ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނިކަގަސް މަގަކީ ބީޗު ފަރާތުގައި އެއްކޮޅަށް ދުއްވާ މަގެއް ކަމަށްވާއިރު، އެކްސިޑެންޓް ހިނގަން މެދުވެރިވީ އެތަނުން އެއް ސައިކަލު ވަންވޭ ފަޅާފައި ބާރު ސްޕީޑުގައި އައުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.






