އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

މުހައްމަދު ޖަމްޝަތު | 30 ދުވަސް ކުރިން - 5 ނޮވެންބަރު 2025 19:17
ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމެއް---ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމެއް---ފޮޓޯ: މަޖިލިސް އިދާރާ
ޚުލާސާ

ސަރުކާރުިގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު. ބިލުގައި އިންވެސްޓަރުންގެ ޝަރުތުތަކާއި އިނާޔަތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވޭ

ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކުރުވަން ބޮޑެތި ލުއިތަކާއިއެކު އިގްތިސާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަހައްދެއް ދޫކުރާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން އެސްއީޒެޑް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މި ބިލު ފާސްކޮށްފައިވަނީ 46 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލެއް ހުށަހެޅުއްވީ ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާން ކުރުމަށް ކަމަށް ބިލުގައިވެއެވެ. ސަސްޓެއިނަބަލް ޓައުންޝިޕަކީ އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާއެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ.

މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީ ކުރުމަށް އިންވެސްޓަރަށް ނުވަތަ ޑިވަލޮޕަރަށް ހުއްދަ ދިނުމުގައި ޝަރުތުތައް ވަނީ ބަޔާންކޮށްފައެވެ. އެސްއީޒެޑުގައި ކުރާ އިންވެސްޓްމެންޓަކީ، 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވާންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެސްއީޒެޑްގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮޕްމަންޓާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީކުރެވޭ ރިއަލް އެސްޓޭޓް ޑިވަލޮޕްމެންޓަށް ފުރުސަތު ލިބޭނެއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުމަށްވެސް ހުއްދަ ދެވޭނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރާ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރުންނަށް ހާއްސަ އިނާޔަތްތަކެއްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން، ފުރަތަަމަ 10 އަހަރަށް ފަސް ޕަސެންޓުގެ ރޭޓުން ޓެކްސް ނެގުމަށާއި 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 ޕަސެންޓުގެ ރޭޓުން ޓެކްސް ނެގުމަށް ވަނީ ބަޔާންކޮށްފައެވެ. އަދި 21 ވަނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ރޭޓުން ޓެކްސް ނެގުމަށާއި ޒޯން ތަރައްގީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭގޮތަށް އިނާޔަތްތައް ދިނުމަށްވެސް މި ބިލުގައިވަނީ ބަޔާންކޮށްފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%