ޖެނެރޭޝަނަލް ބޭން ފެށުމަށް ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުން ފަށައިފި

މުހައްމަދު ޖަމްޝަތު | 30 ދުވަސް ކުރިން - 31 އޮކްޓޯބަރު 2025 18:47
ޖެނެރޭޝަނަލް ބޭން ފެށުން ފާހަގަކުރުމަށް ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުން ފެށުން---
ޖެނެރޭޝަނަލް ބޭން ފެށުން ފާހަގަކުރުމަށް ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުން ފެށުން---
ޚުލާސާ

މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެއް

ޖެނެރޭޝަނަލް ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރަން 24 ގަޑިއިރަށް ކުރިއަށްގެންދާ ހާއްސަ ދުވުން ފަށައިފިއެވެ. ދުންފަތާ ދެކޮޅަށް ރާއްްޖެއިން އެކުލަވާލި މި ގާނޫނަށް އަމަލުކުރަން ފަށާނީ މިރޭ 12:00 އިން ފެށިގެންނެވެ.

"ނެޝެނަލް ޓޯޗް ރަން" މި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފަށްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ދުވުން ފެށީ މިއަދު ހަވީރު 4:00 ގަ އެވެ. އެކުވެނި ޓްރެކުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ދުވުމަކީ ހެލްތް މިނިސްޓްރީން އިސްނަގައިގެން ސްޕޯޓްސް މިނިސްޓްރީ އާއި އެޗްޕީއޭ އަދި ޑަބްލިޔުއެޗްއޯގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ.


އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ދުވުމުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދާ ދުވުން ނިންމާލަން ހަމަޖައްސާފައިވަނީ، ހަވީރު 4:00 އަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. އޭގެ ގަވައިދު ވަރަށް އަވަހަށް ގެޒެޓުކުރާނެ އެވެ. އެހެންވެ، ކޮންމެ އުމުރެއްގެ މީހަކަށް ވިއަސް އެ ފަދަ ބާވަތެއް ދެން ވިއްކޭނީ އުމުރު ކަށަވަރުކުރުމަށްފަހުގަ އެވެ.

އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%