2026 ވަނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން އަންނާނެ ކަަމަށް ބަޖެޓުގައި ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނަފައިވާ ގޮތުން މިއަހަރު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލު ހުޅުވުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު 2026 ވަނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް ބެޑްނައިޓްސް 15.2 ޕަސެންޓުން ކުރިއަރާނެ އެވެ.
ބުރާސްފަތި ދުވަހު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރާއި މެދުރާސްތާގައިވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެ އެވެ.
"މި އަހަރު ހުޅުވި ވެލަނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އާ ޓާމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއާޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭ. ރާއްޖެއަށް ޒިޔާރަތްކުރާ ފަރުތުވެރިން އިތުރުވުމާ އެކު އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނި، އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުގައި އަންދާޒާ ކޮށްފައިވާގޮތުން ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާނީ 2.2 މިލިއަން ފަތުރުވެރިންނެވެ. އަދި ބެޑްނައިޓްސް ކުރިއަރާނީ 14.2 ޕަސެންޓުންނެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެއް މިލިއަން ޓޫރިސްޓުން އައިސްފައި ވާތީ އަހަރު ނިމެންވާއިރަށް 2.3 މިލިއަން ފަތުރުވެރިން އަންނާނެ ކަަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 1.8 މިލިއަނަށް ވަނީ އަރާފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1.6 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 9.9 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން މިއީ ކޮވިޑަށް ފަހު ވަރަށް ބާރަށް އަނބުރާ އައިސް، މިހާރު އެއްވަނައިގައި އޮތް ގައުމެވެ.
ޓޫރިސްޓުން އައި 10 ގައުމު
ޗައިނާ - 291,573
ރަޝީއާ - 223,857
ޔޫކޭ - 159,615
ޖަރުމަނުވީލާތް - 132,394
އިޓަލީ - 119,261
އިންޑިއާ - 104,500
އެމެރިކާ - 51,892
ފްރާންސް - 46,629
ސްޕެއިން - 43,749
އޮަސްޓްރޭލިއާ - 34,440
މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ރާއްޖެއަށް އައިސްފައި ވަނީ 6,015 ޓޫރިސްޓުންނެވެ. މިހާތަނަށް ޓޫރިސްޓުން ރާއްޖޭގައި ތިބެނީ 6 ދުވަހާއި 8 ދުވަހުގެ މުއްދަތެއްގައެވެ.






