ބަންޑް ވޯލް ޖެހުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބޭރު ތޮށިލުން ހިމެނޭހެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިއްފުށީގައި މިއަދު ފެށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އެރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދިއްފުއްޓަކީ ތޮއްޖެހިފައިވާ ބައިބޯ ރަށެއް ކަމުގައިވާތީ، އެ ރަށަށް ބިން އިތުރުކުރުމަކީ، އެ ރަށު ރައްޔިތުން އެތައް އަހަރެއްވަންދެން ކުރަމުންދިޔަ އުންމީދެއް ކަމަށެވެ. އަދި މިއަދު ފެށި މަޝްރޫއުގެ ދަށުން، ދިއްފުއްޓަށް 23 ހެކްޓަރުގެ ބިން އިތުރުކުރެވުމުން، ރަށުގެ ބިމުގެ ޖާގަ ގާތްގަނޑަކަށް ދެގުނައަށް އިތުރުވާނޭކަމަށާއި، އެއާއެކު، އެ ބިމަކީ، ބޯހިޔާވަހިކަމަށާއި، ރަށު ފަތުރުވެރިކަމަށާއި، އުމްރާނީ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނޭ މުހިންމު ވަސީލަތަކަށް ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ރަށުގެ ތަރައްގީއަށް މުހިންމު އިތުރު މަސައްކަތްތަކެއްވެސް ފައްޓަވައިދެއްވާފައެވެ. އެގޮތުން، ދިއްފުށީގައި ކުނި މެނޭޖުކުރާ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ދިއްފުށީ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަދި އުމްރާނީ ވަސީލަތް ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި، ދިއްފުށީގައި ގާއިމުކޮށްފައިވާ ސްޓެލްކޯގެ އާ އިންޖީނުގެ މިއަދު ވަނީ، ހުޅުއްވައިދެއްވާފައެވެ.
މީގެ އިތުރުންވެސް، ރަށުގައި އިތުރު މިސްކިތެއް ބިނާކުރުމާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ސްޕޯޓްސް ފިޝިން ބޮއި އެޅުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނޭކަން ރައީސުލްޖުމްހޫރިއްޔާ މިއަދު އިއުލާންކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން އެ ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، ދިއްފުށީގައި ވޮލީބޯޅަ ކޯޓަކާއި، ހޭންޑްބޯލް ކޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާކާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާއި، ރަށުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތް 24 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ ބިނާރާއި ވަސީލަތް ގާއިމުކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު، ދިއްފުށީ ރައްޔިތުންނަށް ދެއްވިއެވެ.






