ސްޕެނިޝް ލީގުގައި އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި ދެ ކުލަބުގެ ބައްދަލުވުން ރިއަލް މެޑްރިޑުން ކާމިޔާބުކޮށްފި އެވެ.
2-1 އިން މެޑްރިޑް މި މެޗު ކާމިޔާބުކޮށްފައިވާއިރު ވީއޭއާރު ބަލަން ޖެހުނު ގިނަ ހާލަތްތަކެއް ވަނީ މެދުވެރިވެފަ އެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި ލަމިން ޔަމާލް އޭރިއާ ތެރެއިން ވިނީޝިއަސް އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ނިންމީ މެޑްރިޑަށް ޕެނަލްޓީއެއް ދިނުމަށެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ޖެހުނީ އޭނާގެ ނިންމުން ބަދަލުކުރާށެވެ. އަދި އޭގެ ހަތް މިނެޓު ފަހުން އެމްބާޕޭ ގޯލެއް ޖަހައި ސެލެބްރޭޓް ކޮށް ނިމުނު ފަހުން ވީއޭއާރު ރޫމުން ވަނީ އެއީ އޮފްސައިޑެއް ކަމަށް ނިންމާފަ އެވެ.
މެޗުގެ 12 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ކައުންޓާ އެޓޭކުގައި ވީއޭރު ހިތްހަމަޖެހޭ ސައްހަ ގޯލެއް ޖަހައިފަ އެވެ. މި ގޯލު އޭނާ ޖަހާފައިވަނީ ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި 38 ވަނަ މިނެޓުގައި ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން ފެރަން ލޮޕޭޒް ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން 43 ވަނަ މިނެޓުގައި ބެލިންހަމް ވަނީ ގޯލެއް ޖަހައި މެޑްރިޑް މޮޅުކޮށްދީފަ އެވެ. އޭނާ މި ގޯލު ޖެހީ މިލިޓާއޯ ބޮލުން ދިން ފުރުސަތަކުންނެވެ.
މިދިޔަ ހަފްތާގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑެއްގެ ސަބަބުން ބާސެލޯނާގެ ކޯޗު ހަންސި ފްލިކެގެ ބަދަލުގައި އެ ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓަންޓް ކޯޗެވެ. މެޗު ބަލަން ފްލިކް ވަނީ ދަނޑަށް އައިސްފަ އެވެ.
ދެވަނަ ހާފުގައި ވިނީޝިއަސް ދަނޑުން ބޭލުމުން އޭނާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ކޯޗު އެލޮންޒޯ އޭނާ ބާލައިފައިވަނީ އެހެން ކުޅުންތެރިންނަށް ޖާގަ ދިނުމުގެ ގޮތުންނެވެ. މެޗުގެ ފަހު ވަގުތުގައި އެމްބާޕޭ އަދި ބެލިންހަމްވެސް ވަނީ ބަދަލުކޮށްފަ އެވެ. ވިނީޝިއަސް ހިތްހަމަ ޖެއްސުމުގެ ގޮތުންކަން ބެލެވިދާނެ އެވެ.
މި މެޗުގައި ބާސެލޯނާގެ ތަރި ލަމިން ޔަމާލަށް އޭނާގެ ތަފާތު ދެއްކިފައެއް ނުވެއެވެ. ބާސެލޯނާ އިން ބޯޅަ ގިނަ ވަގުތު ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލަށް ގިނަ އަދި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވަނީ މެޑްރިޑުންނެވެ.
މެޗުގެ ފަހު މިނެޓުގައި ޕެޑްރީ އަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން މެޗު ހޫނުވެ ދެ ޓީމުން ތަޅައިގެންފައިވެ އެވެ. އަދި މެޗު ނިމުމުންވެސް ހަމަނުޖެހުން ހިންގާފައިވެ އެވެ.
މި މޮޅާއެކު މެޑްރިޑަށް ވަނީ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. 10 މެޗުން 27 ޕޮއިންޓް މެޑްރިޑަށް ލިބިފައިވާއިރު ބާސެލޯނާ ދެވަނައިގައި އޮތީ 22 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް ވިލަރެއާލް އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.
މި މެޗުގެ ކުރިން މި ދެޓީމު ބައްދަލުކުރި ފަސް މެޗު ވެސް ކާމިޔާބުކޮށްލާފައިވަނީ ބާސެލޯނާއިންނެވެ.






