އަތޮޅުތަކުގެ އިމިގްރޭޝަން އޮފީސްތަކުން ނިމިދިޔަ ސެޕްޓެމްބަރު މަހު ދޫކުރި ޕާސްޕޯޓުގެ އަދަދު 900 އަށްވުރެ މަތިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ނިމިދިޔަ ސެޕްޓެމްބަރު މަހު މުޅި ޖުމްލަ 3,884 ޕާސްޕޯޓު ވަނީ ދޫކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުން ދޫކޮށްފައިވަނީ 2,904 ޕާސްޕޯޓެވެ. އެއީ މާލެއިން 2,115 ޕާސްޕޯޓު، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓު، ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓު އަދި ވިލިމާލެއިން 36 ޕާސްޕޯޓު އިމިގްރޭޝަނުން ވަނީ ދޫކޮށްފަ އެވެ.
ނިމިދިޔަ ސެޕްޓެމްބަރު މަހު އަތޮޅުތަކުން 960 ޕާސްޕޯޓު ވަނީ ދޫކޮށްފަ އެވެ. އަތޮޅުތަކުގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވަނީ އައްޑޫ ސިޓީ މަރަދޫއިންނެވެ. މަރަދޫއިން ޖުމުލަ 146 ޕާސްޕޯޓު ދޫކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއިން އެވެ. ކުޅުދުއްފުށި ސިޓީއިން 144 ޕާސްޕޯޓު ދޫކޮށްފައިވެ އެވެ. ދެން އެންމެ ގިނައިން ޕާސްޕޯޓު ދޫކޮށްފައިވަނީ ލ. ފޮނަދޫ އަދި ތިނަދޫ ސިޓިއިންނެވެ. ފޮނަދޫއިން 122 ޕާސްޕޯޓު ދޫކޮށްފައިވާއިރު، ތިނަދޫ ސިޓީން 111 ޕާސްޕޯޓު ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ރ. އުނގޫފާރުން ވަނީ 100 ޕާސްޕޯޓު ދޫކޮށްފަ އެވެ.
ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް ދިވެހިންނަށް ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މެލޭޝިޔާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓު ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ނިމިދިޔަ ސެޕްޓެމްބަރު މަހު 25 ޕާސްޕޯޓެއް ގެއްލިގެން އިމިގްރޭޝަނަށް ވަނީ ރިޕޯޓުކޮށްފަ އެވެ.