އަމިއްލައަށް ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުންތަކާއި ޚިލާފުވުމަށްފަހު ޣައްޒާ ބަނޑަށްޖައްސާލައި ދެން ނަތަންޔާހޫ ހުށަހެޅީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނާއި ބެހޭ މަޢުލޫމާތެއް ދީފިނަމަ ކޮންމެ އަސީރެއްގެ ބޮލަކަށް 5 މިލިއަން ޑޮލަރުގެ މަގުން ފައިސާ ދޭނެކަމަށެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ 250 އެއްހާ މީހުން ރަހީނުކުރިއެވެ. އޭގެތެރެއިން އެކި ފަހަރު މަތިން އެކި ޢަދަދުތަކުން މީހުން ދޫކުރަމުން އައިސް މިދިޔަ އަހަރު ޙަމާސް އާއި އިސްރާއީލާއި ދެމެދު ކުރެވުނު މަޝްވަރާތަކުން ވެވުނު އެއްބަސްވުންތަކާއި އިސްރާއީލުން ޚިލާފުވެ ހަނގުރާމަ އިހުނަށްވުރެ ވަރުގަދަކުރިއެވެ. އެއާއެކު އަސީރުން ބަދަލުކުރުން ހުއްޓުނީއެވެ. ޣައްޒާގައި ބޯލާނެ ސާފު ފެންފޮދެއްވެސް ނެތެވެ. ޙަމާސްގެ ހަނގުރާމަވެރިންގެ އަތުގައި ސްޓޮކެއް ނެތޭ ނުދެންނެވޭނެއެވެ. ނަމަވެސް ޣައްޒާގެ ނިކަމެތި ރައްޔިތުން ތިބީ ބަނޑަށް ޖެހިފައެވެ. އެތައް ބަޔަކު ދުނިޔެ އަޅައި ގޮސްފިއެވެ.
މި ޙާލަތަށް ޣައްޒާ ވައްޓައިލުމަށްފަހު މުޖުރިމު ޝައިޠާނީ ބޮޑުވަޒީރު ނަތަންޔާހޫ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިއުލާންކުރީ ކޮންމެ ބޮލަކަށް 5 މިލިއަން ޑޮލަރެވެ. ގައިމު ވެސް ރެސިސްޓެންސް ފޯސަސްގެ އެތައް ހާސް ހަނގުރާމަވެރިންނާއި އިންވެސްޓިގޭޓަރުންނާއި ޖާސޫސީ މީހުންނަށް އިސްރާއީލުގެ ރައްޔިތުން ތިބި ތަން އެނގޭނެއެވެ. ބިމުއަޑީގެ ޓަނަލެއްގައި ތިއްބަސް، އެޓަނަލަށް ކާނާ އާއި ބޭހާއި ހެދުމާއި ފެން ފަދަ ޒަރޫރީ ތަކެތި ފޯރުކޮށްދޭ އެންމެންނަށް ވެސް އެ މީހުންގެ މަޢުލޫމާތު އެނގޭނެއެވެ. އޭގެ ތެރެއިން އެކެއްގެ ފަރާތުން އެންމެ މީހެއްގެ މަޢުލޫމާތު ލިބުނަސް އެ މީހަކަށް 5 މިލިއަން ޑޮލަރު ލިބޭނެއެވެ. އެހެނަސް ޙަމާސްގެ ހަމަ އެކަކުވެސް އެއްވެސް މީހެއްގެ މަޢުލޫމާތެއް ނުދިނެވެ. ޙަމާސް ގުޑައެއްވެސް ނުލިއެވެ. ރަހީނުން ތިބި ތަން އެނގެއޭ، ހޯދާނަމޭ، ގެނެސްދޭނަމޭ ބުނި ނަތަންޔާހޫ އަށް ފައިސާ ދީގެން އެކަން ނުވިއެވެ. އޭނާއަށް ޖެހުނީ ދެފަރާތުންވެސް ރަހީނުންނާއި ގައިދީން ބަދަލުކުމަށް ޙަމާސް އާއި އެކު ޑީލެއް ހަދާށެވެ.
ކޮންމެއަކަސް އިސްރާއީލުގެ ޓީވީގައި ވާހަކަ ދައްކަމުން މޮސާދުގެ ރައީސް ބުނީ ބޮލަކަށް 5 މިލިއަން ޑޮލަރުގެ މި ހުށަހެޅުން އެހެން ބަޔަކަށް ދިން ނަމަ މިކަން ވީހެވެ. ތެދެކެވެ. ފައިސާ ދީގެން ރަހީނުންގެ މަޢުލޫމާތު "ވިއްކުމަށް" ޙަމާސް އެއް ގުޑައެއް ނުލެވުނެވެ. މުޙައްމަދު ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމް ގެނެސްދެއްވި އިލާހީ ވަޙީގެ ބަސްފުޅުތަކުގައިވާ ހަދިޔާތަކާއި ނިޢުމަތާއި ބަގީޗާތައް ހޯދުމަށްޓަކައި ދުނިޔެ ވިއްކާލާނެ ބަޔަކަށް ތިމަންނާމެން ނުވާނަމޭ އެމީހުން ބުނާފަދައެވެ.
ޔަހޫދީ ސަރުކާރުން އުންމީދު ކުރީ އެ މީހުންގެ ބޮޑު އިނާމުގެ ދަހިވެތިކަމުގައި ޣައްޒާގެ އެތެރޭގަ އާއި އަވަށްޓެރި ސަރަޙައްދުތަކުގައި ތިބި އިންޓެލިޖެންސް ޓިމުތަކާއި އެކު މަސައްކަތްކުރާނެ އެތައް ބަޔަކު އެ މީހުންނަށް ލިބޭނެ ކަމަށެވެ. ނަމަވެސް އެކަން ދިޔައީ ޗޮކުންނެވެ. ޙަމާސް އާއި މަޝްވަރާ ކުރުމެއް ނޯންނާނެއޭ ބުނެ ގަދަބަސް ބުނި ނަތަންޔާހޫ އަށް އެންމެ ފަހުން ޖެހުނީ (ޢަރަބީން މެދުވެރިކޮށްގެން) މަޝްވަރާ ވެސް ކުރާށެވެ. ރަހީނުކޮށްފައިވާ ކޮންމެ މީހަކުވެސް މިނިވަން ވެފައި އެހެރީ މަޝްވަރާތަކާއި އެކު ސިޔާސީ އެއްބަސްވުންތަކުންނެވެ.