ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެމްބަރުން މިއަދު އައްޔަނުކުރައްވައިފި އެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރީ ބ. ތުޅާދޫ، ގުލްބަހާރުގެ އަލްއުސްތާޛު އިބްރާހީމް އަފީފް އަދި ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރުކަމަށް ދ. މީދޫ، އަކިރިވިލާ އަލްއުސްތާޛާ ޝަވްފާ އިބްރާހީމެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދެ މެންބަރުން އައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދީފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަނުކުރެއްވުމަށް، ރައީސް ހަތް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވެވި އެވެ. ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ފުރަތަމަ އޮތީ ސްޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަމަވެ. އޭނާއަށް ކޮމިޓީންވެސް ރުހުން ލިބުނެވެ. ނަމަވެސް މަޖިލީހުން ވަނީ މަހާޒު އެ ޓްރިބިއުނަލަށް އައްޔަންކުރަން ނުފެންނަ ކަމަށް ފާސްކޮށްފަ އެވެ.






