އަފްޣާނިސްތާނާއި ޕާކިސްތާނާއި ގުޅޭ ބޯޑަރު ސަރަޙައްދުގައި ޕާކިސްތާނުގެ ސިފައިންނަށް ޙަމަލާދީ 58 ސިފައިން މަރާލައިފި ކަމަށް ޠާލިބާނުން ބުނެފިއެވެ.
ޠާލިބާނުންގެ ތަރުޖަމާނަކާއި ޙަވާލާދީ ބައިނަލްއަޤްވާމީ މަސްދަރަކުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކާބުލްގެ އެކި ހިސާބުތަކަށް ޙަމަލާ ދިނީ ޕާކިސްތާނުން ކަމަށާއި، ޠާލިބާނުން ބޯޑަރު ސަރަޙައްދުގައި މިހާރު ހިންގާ އޮޕަރޭޝަނަކީ އެކަމުގެ ބަދަލުހިފުމަށް ހިންގަމުންދާ އޮޕަރޭޝަނެކެވެ.
ޕާކިސްތާނުން އަފްޣާނިސްތާނުގެ ވައިގެ ސަރަޙައްދާއި ޚިލާފުވެ، ބުރާސްފަތި ދުވަހުގެރޭ ކާބުލްގެ އެކި ތަންތަނަށް ޙަމަލާ ދިންކަމަށް ވެއެވެ. އޭގެތެރޭގައި ބާޒާރަކަށް ވެސް ބޮން އަޅާފައިވާ ކަމަށް ޠާލިބާނުން މިއަދު ބުނެފައިވެއެވެ.
ނަމަވެސް، ޕާކިސްތާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ ޠާލިބާނުންގެ އަތުން މަރުވީ ޕާކިސްތާނުގެ ހަތިޔާރު އެޅި ސިފައިންގެ 23 މެމްބަރުން ކަމަށާއި، ޠާލިބާނުންނާއި އެއާއި ގުޅުން ހުރި 200 ޓެރަރިސްޓުން ނިއުޓްރަލައިޒް ކޮށްފައިވާ" ކަމަށެވެ.
ޕާކިސްތާނުން ތުހުމަތުކުރަނީ ކާބުލްގެ ބިމުގައި ޕާކިސްތާނަށް އަމާޒުކޮށްގެން ޓެރަރިސްޓުން ގެންގުޅޭ ކަމަށެވެ. ނަމަވެސް މި ތުހުމަތުތަކަށް ޠާލިބާނު ސަރުކާރުން ދެކޮޅުހަދައެވެ.
މީގެ އިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޠާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ ޕާކިސްތާނުގެ އަސްކަރިއްޔާއިން 58 މީހުން މަރާލައި އިތުރު 30 ވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޠާލިބާނުންގެ ނުވަ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށާއި 18 މީހުން ޒަޚަމްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.